މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 16.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މިއީ ފާއިތުވި އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 7.6 އިންސައްތައިގެ އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ރިޕޯޓުގައި ވާގޮތުން، މިއަހަރުގެ މިހާތަނަށް ލިބުނު ޖުމުލަ އާމްދަނީގެ ތެރެއިން 78.4 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އަދި ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 14.8 އިންސައްތަ އިތުރުވެފަ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 49.8 އިންސައްތަ އިތުރުވެފަ އެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.3 އިންސައްތަ އިތުރުވުމާ ގުޅިގެންނެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރަށް ލަފާކުރި ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ 41.6 އިންސައްތަ މިހާރު ވަނީ ލިބިފަ އެވެ. އަދި ހަރަދުގެ ގޮތުގައި މިހާތަނަށް ރެކޯޑުކޮށްފައިވަނީ އަންދާޒާކުރި ހަރަދުގެ 31.1 އިންސައްތަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.