ނ. މަނަދޫއަށް ނިސްބަތްވާ ހިޔަލަ ގްރޫޕުން މިއަހަރު ވެސް އަޟްހާ އީދަށް ހާއްސަކޮށްގެން އާ ލަވައެއް ނެރެ އާއްމުންނަށް ދޫކޮށްލައިފި އެވެ.
މިހާރު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ އެ ލަވައިން ފެންނަނީ އީދުގެ އުފާ ފާޅުކުރާއިރު ހަޔާތުގެ ބައިވެރިޔާ ކައިރީގައި ނެތުމުން ކުރެވޭ އިހުސާސްތަކެވެ.
އަބްދުﷲ ޝާހިދު (ޓެޑީ)ގެ ޅެމަކަށް އެރާ ރެކޯޑްސް އިން މިއުޒިކް ހަދާދީފައިވާ މި ލަވައަށް އަޑު ހަދިޔާ ކޮށްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ.
ރ. އަލިފުށީގެ ރީތި މަންޒަރުތައް ފެނިގެންދާ އެ ލަވައަށް އެކްޓް ކޮށްދީފައިވަނީ މަގުބޫލު އެކްޓަރު މަރިޔަމް ޝިފާއާއި އަޝްފާން އެވެ.
އެ ލަވަ ފެށިގެން އަންނަނީ އީދަށް ވަމުންދާ ތައްޔާރީތައް ދައްކުވައިދެމުންނެވެ. އެ ތައްޔާރީތަކުގެ ތެރެއިން ޝިފާއަށް އޭނާގެ ބައިވެރިޔާ ނެތް ކަމުގެ އިހުސާސް ކުރެވޭއިރު ލަވަ ނިމިގެންދަނީ އީދަށް އިޝްފާން ރަށަށް އަންނަ މަންޒަރުންނެވެ.
ހިޔަލަ ގްރޫޕުން މިދިޔަ އަހަރުގެ އަޟްހާ އީދާ ދިމާކޮށް ވެސް "ބޯކިބަންބާ"ގެ ނަމުގައި ލަވައެއް ރިލީޒް ކުރިއިރު އެ ލަވައިން ފެންނަނީ އެކަނިވެރި މައެއްގެ ލޯބީގެ ހަޔާތެވެ.
މިއަހަރުގެ އީދުގެ މުނާސަބަތުގައި މިއުޒިކް ގްރޫޕްތަކުގެ އިތުރުން ވަކިވަކި ރަށްރަށުން ވެސް އަންނަނީ ލަވަތައް ރިލީޒް ކުރަމުންނެވެ.