ދިވެހި ހައްޖުވެރިން ބޮޑު ޖަމްރާއަށް ހިލަ އުކުމަށްފަހު އިހުރާމް ކަނޑައައިފި އެވެ.
ހައްޖުގެ އަޅުކަމުގެ މަނާސިކްތަކުގެ ތެރެއިން ތިން ޖަމްރާއަށް ހިލަ އުކުމަކީ އެންމެ މުހިންމު އެއް މަނާސިކެވެ. ޖަމްރާތަކަށް ހިލައުކަން ޖެހެނީ އިބިލީސް ފައްސާލުމަށް ސަލާމްލެއްވި އިބްރާހީމްގެފާނު ހިލަ އުއްކެވުމުން އެކަން ހަނދާން ކުރުމުގެ ގޮތުންނެވެ.
ކީރިތި ރަސޫލާ މުހައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ހައްޖަތުލްވަދާއުގައި އެކަލޭގެފާނު ވަނީ އިބްރާހީމްގެ ފާނަށް އިގްތިދާވުމުގެ ގޮތުން ތިން ފަހަރު ހިލަ އުއްކަވާފައެވެ. ކޮންމެ ހައްޖުވެރިއަކު ވެސް ތިން ޖަމްރާއަށް ޖުމްލަ 21 ހިލަކޮޅު އުކާލަންޖެހެ އެވެ.
ތިން ޖަމްރާއަކީ އިބްރާހީމްގެފާނު އިބްލީސް ފައްސާލުމަށްޓަކައި ހިލަ އުއްކެވި ތިންތަނެވެ.
މާދަމާ އާއި ޖެހިގެން އަންނަ ދުވަހު ދިވެހި ހައްޖުވެރިން ތިން ޖަމްރާއަށް ހިލައުކާނެއެވެ.
ދިވެހި ހައްޖުވެރިން މިއަދު ވަނީ ޖަމްރާއަށް ހިލަ އުކުމަށްފަހު އިހްރާމް ކަނޑައިފަ އެވެ. އަދި ފިރިހެން ހައްޖުވެރިން ވަނީ ބޯ ބާލައިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ ދިވެހި ހައްޖުވެރިންގެ ފަރާތުން ހަދްޔު ކަތިލުންވެސް ކުރިއަށް ގެންގޮސްފަ އެވެ.