މިނިމަމް ވޭޖެއް ނުވަތަ ދުވަހު މުސާރައެއްގެ ގޮތުގައި އެންމެ މަދުވެގެން ދެވޭނެ އުޖޫރަ އެއް ކަނޑައެޅުމަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެން ސަރުކާރުގެ ބޮލުގައި ގާނޫނަކުން އެޅިފައިވާ ޒިންމާ އެކެވެ. ކޮންމެ ކެމްޕޭނެއްގައި ވެސް އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ މިނިމަމް ވޭޖްގެ ވާހަކަ ކަމުގައި ވިޔަސް ގިނަ ބައެއްގެ އިހުސާސްތަކާ ގުޅިފައިވާ މި މައްސަލަ އަށް ހައްލެއް ގެނެވޭ ވަރުގެ ސަރުކާރެއް އަދި މިހާތަނަކަށް ނާދެ އެވެ.

މިއަދުގެ ސަރުކާރު ވެރިކަމަށް އައީ ވެސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލިސް ގެ މެޖޯރިޓި ގޮނޑިތައް ކޮންޓްރޯލް ކުރަމުންދާ އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގެ ވޯޓު ކާމިޔާބު ކުރުމަށްޓަކައި ކެޕޭނުކުރީ ވެސް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ވައުދާއި އެކުގަ އެވެ. އެހެނަސް ސަރުކާރުގެ އުމުރުން ދެބައިކުޅަ އެއްބައި ފަހަނަޅާ ދިޔައިރު ވެސް އެ ވައުދެއް ނުފުއްދުނެވެ. މިކަމަށްޓަކައި ތަފާތު މުނާސަބަތު ތަކުގައި ތަފާތު ވާހަކަ ސަރުކާރުން އަންނަނީ ދައްކަމުންނެވެ.

ޑިސެމްބަރ 17، 2019 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވާ ގޮތުގައި މިނިމަމް ވޭޖާ ބެހޭ ދިރާސާތައް ވަނީ އެއްކޮށް ނިމިފަ އެވެ. އޭގެ ފަހުން ފެބްރުއަރީ 11، 2020 ވަނަ ދުވަހު އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި މިނިމަމް ވޭޖް އެއްމަސް ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. ޖެހިގެން އައި މާޗް މަހު އެމަނިކުފާނު ވަނީ މިނިމަމް ވޭޖް ފަނަރަ ދުވަހުގެ ތެރޭގައި ކަނޑައެޅޭނެ ކަމުގައި ވެސް ވިދާޅު ވެފަ އެވެ. އޭގެ ފަހުން ވެސް އަހަރެއް ފަހަނަޅާ ދިޔައީ އެވެ. މިނިމަމް ވޭޖެއް ކަނޑައެޅުމުގައި ސަރުކާރަށް އަދިވެސް ކާމިޔާބެއް ނުލިބެ އެވެ.

ފާއިތުވެ ދިޔަތަނުގައި އެމްޑީޕީގެ ކެމްޕޭނުގައި ވެސް އެންމެ ބޮޑު އަސާސަކަށް ވެފައި އޮންނަ އެއްކަމަކީ މަސައްކަތްތެރިންނަށް ކުޑަވެގެން ލިބޭނެ އުޖޫރަ ކަޑައެޅުމެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރުމަށްޓަކައި އެޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައެވެ. އޮގަސްޓް 28، 2019 ގައި އެ ޕާޓީގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވި އެގަރާރުގައިވާ ގޮތުން މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރު ވެގެންދާނެ ކަމެއް ކަމަށް ފެންނާތީ އެކަން ކޮންމެހެން ވެސް އަވަސްކުރަން ޖެހެ އެވެ.

މިނިމަމް ވޭޖާ ބެހޭ ގޮތުން އެކި އިދާރާތަކުން ދައްކައިފައިވާ ވާހަކަތަކަށް ބަލާއިރު، އެ މައްސަލަ ލަސްވެގެން ދަނީ އެންމެ ސަބަބަކާހެދި ކަމުގައި ފާހަގަ ކުރެވެ އެވެ. އެއީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާނެ މިންވަރެކެވެ. ސަރުކާރުތަކުން މިކަމުގަ ގޮތެއް ނިންމަން ފަސް ޖެހޭ ގިނަ ސަބަބުތަކެއް އެބައޮތެވެ. މިމައްސަލައިގައި ސަރުކާރު ވަނީ މައިގަނޑު ދެބައެއްގެ ދެމެދުގައި ތާށިވެފައިކަމަށް ދެންނެވިދާނެ އެވެ. އެއްބަޔަކީ މަސައްކަތް ތެރިންނެވެ. އެއީ ސަރުކާރަށް ބޭނުންވާ ވޯޓުގެ މައިގަނޑު އެއް ހިއްސާއެވެ. އަނެއްބަޔަކީ މަސައްކަތް ކުރުވާ ފަރާތެވެ. މިބައިގައި ހިމެނެނީ ވިޔަފާރި ވެރިންނާއި މަހުޖަނުންނެވެ. މިއީ ޕާޓީތައް ހިންގުމަށް އެންމެ ބޮޑަށް މާލީ އެހީވާ ކެމްޕޭންތަކުގެ އެންމެ ނުފޫޒު ގަދަ ފަރާތްތަކެވެ. އެހެންކަމުން މިދެ ބައިގެ ތެރެއިން އެއްބައެއްގެ ނުރުހުމަކީ ވެސް ސަރުކާރަށް ވެސް ރައްޔިތުންގެ މަޖިލީހަށް ވެސް ބަރުދާސްތު ކުރެވޭވަރުގެ ކަމަކަށް ނުވާނެ އެވެ.

މިނިމަމް ވޭޖާ ގުޅޭގޮތުން މަސައްކަތްތެރީންގެ އުންމީދުތަކެއް ވެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި މިހާރު އެ މީހުނަށް ލިބޭ އުޖުރައަކީ އެކަށީގެންވާ އުޖޫރައެއް ނޫނެވެ. އެހެންކަމުން ސަރުކާރުން ކަނޑައަޅާ މިނިމަމް ވޭޖް އެ މީހުންގެ ނަޒަރުގައި މިހާރު ލިބިމުންދާ މުސާރައަށް ވުރެ ބޮޑުވާން ޖެހެ އެވެ. މިގޮތަށް ދެކޭ ގިނަބަޔަކީ ރިސޯޓްތަކުގެ އާދައިގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނެވެ.

ސައރުކާރުގެ މައިޕާޓީ އެމްޑީޕީން ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި ވާގޮތުން މިނިމަމް ވޭޖެއްގެ ގޮތުގައި މީހަކަށް ދުވާލަކަށް 200 ރުފިޔާ ލިބެން ޖެހޭނެ އެވެ. މަހަކަށް ބަލާއިރު މިއީ 6،000 ރުފިޔާ އެވެ. ހަފުތާ ބަންދާއި މަސައްކަތް ނުކުރާ ދުވަސްތައް އުނިކޮށްފިނަމަ މިއަދަދު 5،000 އާ 6،000 އާދެމެދަށް ތިރިވާނެ އެވެ.

އިންޓަނޭޝަންލް ލެބާ އޮގަނައިޒޭޝަނުން ދިވެހި ރާއްޖޭގެ މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައެޅުމަށް ލަފާދީފައި ވަނީ 6،000 ރުފިޔާ އާއި 6،500 ރުފިޔާ އާއި ދެމެދުގެ މިންވަރެކެވެ. މިނިމަމް ވޭޖް ކަނޑައެޅުމާ ބެހެގޮތުން ލަފާ ދިނުމަށް ސަރުކާރަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީން ލަފާދީފައިވާ އަދަދަކީ 6،400 އެވެ.

މި އަދަދު ތަކަށް ބަލާއިރު ބުރަވެފައި ވަނީ މަސައްކަތް ކުރުވާ ފަރާތްތައް ނުވަތަ ވިޔަފާރިވެރިންގެ ކޮޅަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ މަސައްކަތް ތެރިން ޚާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ އާދައިގެ މުވައްޒަފުންގެ ޑިމާންޑްކުރާ މިންވަރާ މިއަދަދު ގާތް ވެސް ނުކުރާ ކަމެވެ.

"އަވަސް" އޮންލައިނާ ކުރިން ވާހަކަ ދެއްކި ރިސޯޓު ތަކުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ޚިޔާލުގައި މިނިމަމް ވޭޖުގެ ގޮތުގައި މަދުވެގެން ދިހަހާސް ރުފިޔާ ލިބެން ޖެހެ އެވެ. މިއީ އެ މީހުން އަބަދުވެސް ޑިމާންޑު ކުރަމުން އަންނަ އަދަދެވެ. އެހެންނަމަވެސް ސަރުކާރުން ދައްކާ ވާހަތަކަށް ބަލާއިރު މަސައްކަތް ތެރީންގެ އުންމީދު ތަކަށް ހައްލެއް އައުން ދުރެވެ.

އެހެންކަމުން މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ނުފެނެ އެވެ. ސަބަބަކީ އަބަދުވެސް ކޮންމެވެސް އިންތިޚާބެއް ބޯމަތި ވެފައި އޮންނައިރު ވޯޓު ލާން ތިބޭ މަސައްކަތް ތެރިންނާއި ވޯޓު ހޯދައިދިނުމުގައި އެހީވާ ވިޔަފާރި ވެރިން ނުރުހުން ވާފަދަ ކަމެއް ސަރުކާރަށް ނުކުރެވޭނެ ކަމެވެ.

މަސައްކަތު މީހުންގެ ޑިމާންޑާ އެއްގޮތަށް ކަނޑަ އަޅާ އަދަކުން ވިޔަފާރި ވެރިންގެ ވަރަށްބޮޑު ނުރުހުމެއް ސަރުކާރަށް ކުރިމަތިވާނެކަން ޔަގީނެވެ. އެއީ ސަރުކާރަށް ތަހައްމަލު ކުރެވޭނެ ފަދަ ކަމަކަށް ނުވާނެ އެވެ. އެހެންކަމުން މިނިމަމް ވޭޖަކީ ކޮންމެ އިންތިޚާބަކާ ދިމާކޮށް މެނިފެސްޓޯގައި ލިޔެލާ ވާހަކައެއް ކަމަށްވެ ނިމިއްޖެ އެވެ. އެކަމާ މެދު މަސައްކަތްތެރިން ކުރާ އުންމީދުތަކުގައި ކުލަޖެހޭނެ ކަމަށް ވެސް އޮތީ ފަނޑު އުންމީދެކެވެ.