ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ފެނަކަ ކޯޕަރޭޝަނަށް އިސްލާހުކުރަން އެންގި ކަންކަން މިހާރު އިސްލާހުކޮށް ނިމިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފެނަކައިން ކޮރަޕްޝަންގެ އަމަލުތަށް ހިންގަމުންދާކަން އޭސީސީއިން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. އެސީސީއިން މިހާރު ވެސް ގެންދަނީ ފެނަކައާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ. ރައީސް ސޯލިހުގެ ސަމާލުކަމަށް ފެނަކައިގެ ކޮރަޕްޝަންގެ އައި ހިސާބުން އެމަނިކުފާނު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ހިންގާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބައެއް ކަންކަން އިސްލާހުކުރަން މިދިޔަ މަހުގެ 25 ގައި ފެނަކަ އަށް އަންގައިފަ އެވެ.

ޕީސީބީއިން ފެނަކައަށް ވަނީ އެކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްހުރި 13 ކަމެއް އިސްލާހުކުރަން އަންގައިފަ އެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕްރޮސީޖާ އަދި ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ނުވަ އިސްލާހަކާއި އިތުރު ހަތަރު ކަމެކެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ފެނަކައިގެ ޗެއާމަސް މުހައްމަދު ރަޝީދަށް ފޮނުވި ސިޓީގައި ވަނީ ހަތަރުކަމެއް އިސްލާހުކުރަން ޖެހޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ކަންކަން އިސްލާހުކުރަން ދިން މުއްދަތުގައި އިސްލާހު ނުކުރެވޭނެކަން ފެނަކައިން ވަނީ ފިނޭންސަށް އަންގައިފަ އެވެ. ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން އިސްލާހުކުރީ ފިނޭންސްއިން ދެވަނަ އަަށް ދިން މުއްދަތުގަ އެވެ.