އެރިއާނާ ގްރާންޑޭއޭ ބުނުމުން ނޭނގޭނެ މީހަކު އަހަރުމެން ދިވެހިންގެ ތެރޭގައި މަދުވާނެ އެވެ. އޭނާގެ ލަވަތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާއިރު ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އެރިއާނާ ގްރާންޑޭއަކީ އޭނާގެ އަސްލު ފުރިހަމަ ނަން ނޫން ކަމެވެ.

އެރިއާނާގެ އުފަން ނަމަކީ އެރިއާނާ ގްރާންޑޭ ބުއޭރްޓޯ އެވެ. އެއީ އޭނާގެ މަންމަގެ ނަމާއި ބައްޕަގެ ނަން ގުޅުވައިގެން ދީފައިވާ ނަމެއް ކަމަށްވެ އެވެ.

ހޮލީވުޑްގައި މަޝްހޫރު ވުުމުގެ ކުރިން އެރިއާނާއާއި އޭނާގެ ބައްޕައާ ދެމެދު ޖެހުނު މައްސަލައެއްގެ ފަހުން އެރިއާނާ ވަނީ އޭނާގެ ނަމުން ބައްޕަގެ ނަން ކަމަށްވާ "ބުއޭރްޓޯ" އުނިކޮށްފަ އެވެ.

އެހެން ނަމަވެސް މިފަހުން އޭނާގެ ބައްޕައާއި ސުލްހަވެ އެ ދެމީހުންގެ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވާއިރު އެރިއާނާގެ ނަން އަލުން އުފަން ނަމަށް ވަނީ ބަދަލު ކޮށްފަ އެވެ.

އެގޮތުން އޭނާގެ ފިލްމު "ވިކެޑް"ގެ ކްރެޑިޓްސްގައި އެރިއާނާ އޭނާގެ ނަން ބޭނުން ކޮށްފައިވަނީ "އެރިއާނާ ގްރާންޑޭ ބުއޭރްޓޯ"ގެ ގޮތުގަ އެވެ. އެ ފިލްމުގެ ފެށުމުގައާއި ނިމުމުގައި ވެސް އޭނާގެ ނަން އެހެން ދައްކާފައިވެ އެވެ.

އެރިއާނާ އޭނާގެ ނަން ބަދަލުކުރި ނަމަވެސް އަދިވެސް އާއްމުންގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ އޭނާ ކުރިން ބޭނުންކުރި ނަމުންކަން ފާހަގަކޮށްލެވެ އެވެ.