ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށަކީ މާލެ އެވެ. ތޮއްޖެހި ފުރި ބާރުވެފައި އޮތީ ވެސް މި މާލެ އެވެ.
ދިރިއުޅެން އެންމެ އުނދަގޫ ކަމަށް ނަންވެފައި އޮތީ މާލެ އެވެ. ފެނާއި ވައި އެންމެ ތަޣައްޔަރު ކަމަށް ބުނަނީ ވެސް މާލޭގަ އެވެ. ކަންމިހެން އޮތަސް މި ބައިބޯ ޖަންގަލީގައި ދިރިއުޅެމުން އަންނަ ދިވެހިން ވަނީ މި މާޙައުލަށް ހޭނިފަ އެވެ. ނޭދެވޭ ކިތަންމެ ކަމެއް ވަށައިގެން ފެންނަން ހުއްޓަސް އުފާވެރި ދިރިއުޅުމެއް ހޯދަން މާލޭގެ ރަށްވެހިން ވެސް ބުރަ މަސައްކަތްތަކެއް ކުރެ އެވެ.
މިކަން އެންމެ ރަނގަޅަށް ސާބިތުވާނީ ހަފްތާ ބަންދުތަކުގައި މާލެއާއި މާލެއާއި ގުޅިފައިވާ ހުޅުމާލޭގެ އާއްމު ސަރަޙައްދުތަކަށް ނަޒަރު ހިންގާލުމުންނެވެ. ޙާއްސަކޮށް ހުކުރު ދުވަހު މި މަންޒަރު އިތުރަށް ސާފުވެ އެވެ.
ޕާކުތަކާއި މައިޒާންތައް ފަޅުފިލުވައިދެނީ އެތަންތަނަށް އެއްވެފައިވާ ތުއުްތު ކުދިންގެ ލޯބި ލޯބި ޙަރަކާތްތަކުންނެވެ.
އެ ކުދިންނާއެކު ވަގުތު ހޭދަކުރާ މައިންބަފައިންގެ ހިނިތުންވުމުންނެވެ. ކެފޭތަކާއި ރެސްޓޯރެންޓުތައް ފުރެނީ ރަހުމަތްތެރިންގެ ގުރޫޕްތަކުންނެވެ. ދުވަސްތަކަކަށްފަހު ދިމާވާ އެ އެކުވެރިންގެ އޮލަ ވާހަކަތަކުންނެވެ.
ކޮންމެއަކަސް މާލޭގެ ދިރިއުޅުމަށް ދިވެހިން އާދަވެއްޖެ އެވެ. ދަތިކަމާއެކު ވެސް ލިބެންހުރި ކުދިކުދި ކަންކަމުން އުފާ ލިބިގަންނަން މާލޭގެ ރަށްވެހިން ދަސްކޮށްފި އެވެ.
ހުކުރު ދުވަސް އެވެރިންނަށް ޚާއްސަ ވަނީ އެ ސަބަބަށްޓަކައެވެ. ހިތްހަމަ ޖައްސާލުމަށް ލިބޭ ފުރުސަތަކަށް ވާތީ އެވެ. ހަލަބޮލި ދިރިއުޅުމުން ލިބޭ ކުޑަނަމަވެސް މިންޖަކަށްވާތީ އެވެ.