ރިޓަޔާމަންޓް ޕެންޝަންގެ ނަމުގައި ހިންގާ ކޮރަޕްޓް ޑީލްތައް ދެން އަންނަ ވެރިކަމެއްގައި ބާތިލްކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުން ނިކަމެތި ހާލުގައި އުޅެނިކޮށް، ރިޓަޔާމަންޓް ޕެކޭޖެއްގެ ދަހިވެތި ކަމުގައި ސަރުކާރާއެކު ޑީލް ހަދައި ޖުޑިޝަރީގެ މިނިވަންކަން ‘ވިއްކާލި’ މީހެއްގެ ގޮތުގައި މުއުތަސިމް ތާރީޚުގައި ލިޔެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާފުގެ ގޮނޑީގައި އިށީދެ ތިބެވެސް އަމިއްލަ މަންފާއަށް ނޫން ކަމެއް ނުވިސްނޭ ބޭފުޅުންނަށް ރައްޔިތުންނަށް ހޯދައި ދެވޭނެ އަދުލުވެރިކަމެއް ނޯންނާނެ ކަމަށެވެ. ސަރުކާރާ ޑީލް ހަދައިގެން ޕެންޝަން ބޮޑުކުރުމަކީ މިހާތަނަށް ފެނުނު އެންމެ ވިޔާނުދާ އެއް އަމަލު ކަމަށް ޖަމީލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޯޓު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ ފުރިހަމަ އެހީތެރިކަމާއެކުކަން މިއަދު ހާމަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.