ޖެމްކިއު އިންވެސްޓްމެންޓް ސްކީމް ޕްރޮމޯޓް ނުކުރަން ފުލުހުން އަންގާފައިވަނިކޮށް އެ ސްކީމްގައި ގިނަ މީހުން ބައިވެރިވާން ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެދިވޑައިގެންފި އެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 70 ޕަސެންޓް ބޭފުޅުންނާއި ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓާއި ޖުމްލަ 70 ވަރަކަށް ހާސް ރައްޔިތުން ޖެމްކިއު ބޭނުން ކުރަމުން ދަނީ އެކަމުން ނަފާ ލިބޭތީ ކަމަށެވެ.
ޖެމްކިއު ގެ ސަބަބުން އެ ބޭނުންކުރާ މީހުނަށް ބޮޑުތަނުން ފައިދާވެ، ކަންމަތީ ފިހާރަ ތަކުގެ ދަރަނި ދެއްކުމާއި، ލުއި ލޯނު ތައް ދައްކައި، ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުންދާކަމަށާއި، އެކި މުނާސަބަތު ތަކުގައި ރަށްފުށުގައި ބާއްވާ އެކި އެކި ހަރަކާތްތަކަށް ޖެމްކިއު ގެ ފަރާތުން ބޮޑެތި އަދަދު ތަކުން ސްޕޮންސާ ދޭ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އައްބާސް ވިދާޅުވި އެވެ.
"2024 ވަނަ އަހަރުން ފެށިގެން ޖެމްކިއު ބޭނުންކުރަމުން ދާއިރު އަދި އެއްވެސް ރައްޔިތަކަށް ގެއްލުން ލިބިފައި ނުވޭ.އެބޭފުޅެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ޖެމްކިއު އަށް އިންވެސްޓު ކުރެއްވި ކޮންމެ ބޭފުޅަކަށްވެސް މިއަދާ ހަމައަށް ހާހުން، ލައްކައިން، މިލިއަނުން ފައިދާ ވާކަމީ ޖެމްކިއު ބޭނުންކުރައްވާ އެއްވެސް ބޭފުޅަކު ދެބަސްވާނެ ކަމެއްނޫން،" އައްބާސް ވިދާޅުވި އެވެ.
ކިތަންމެ ވަރަކަށް ނޫސް ބަޔާން ތައް ނެރުނު ނަމަވެސް ޖެމްކިއު ބޭނުން ކުރާ ފަރާތްތަކުގެ އަދަދު ކޮންމެ ދުވަހަކު އިތުރުވަމުންދާކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ ގައުމުގެ ހާލަތު އޮތްގޮތުންނާއި އަދި ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖެމްކިއު ގެ ބޭނުން ހެޔޮގޮތިގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ދެކޭ ކަމަށެވެ.
އައްބާސް މިފަދައިން ވިދާޅުވިއިރު، ފުލުހުން ވަނީ އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.