މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހްސާން ކްރައިމް ސީނަށް ގޮސްފައިވުމަކީ އޭނާ ކުރައްވަންޖެހޭ ކަމެއް ނޫން ކަމަށާއި އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގެ ތަހުގީގުގައި މިނިސްޓަރު އަމީން އޭރުގެ ސިޕީ އަލީ ޝުޖާއުއަށް ގުޅުއްވިކަން ކުރިން ހާމަވީ އެ މައްސަލާގައި ޕްރެސް ކޮންފަރެންސެއް ކުރިއަށް ދަނިކޮށް ސީޕީއަށް އަމީން ގުޅުއްވުމުންނެވެ.
އެ މައްސަލާގައި ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން ޔުމްނު ވެއްޓުނު އިމާރާތަށް މިނިސްޓަރު އިހްސާން ވަޑައިގެން, އެތަނުގެ ފޮޓޯތައް ނަންގަވާފައިވެ އެވެ. ނަމަވެސް މިނިސްޓަރުގެ ޒިންމާއަކީ ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމާއި ލަފާދިނުން ކަމަށާއި އެހެންކަމުން ކްރައިމް ސީނަށް މިނިސްޓަރު އިހްސާން ވަޑައިގަތީ މިިނިސްޓަރުގެ މަސްއޫލިއްޔަތުގެ ތެރެއިން ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.
"ސީދާ މިނިސްޓަރު ވަޑައިގެން އަމަލީ ގޮތުން ކަންކަން ބެއްލެވުމަކީ ގާނޫނުއަސާސީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސީދާ ހިމެނޭ ކަމެއް ކަމަށް ނުފެންނަ ކަމަށާއި." ރިޕޯޓުގައި ބުނެފައިވެ އެވެ.
ޓްރާންސް މިނިސްޓަރު އަމީންއާ ގުޅޭގޮތުމް ރިޕޯޓުގައިވަނީ އޭރުގެ ސީޕީއަށް އަމީން ގުޅުއްވީ އެ މައްސަލައާ ގުޅިގެން އޭނާ ދިރިއުޅުއްވި ގޭގެ އެޕާޓްމެންޓްތައް ފުލުހުން ފާސްކުރަން އެއްވެސް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ސީޕީއަށް އެންގުމަށް ކަމަށް އަމީން ވިދާޅުވި ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި ތުހުމަތުވާ ރައުދު އަހުމަދަކީ އަމީނާއެކު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހަރަކާތްތެރިވި ދާއޫދު އަހުމަދުގެ ކޮއްކޮ ކަމަށް ވެފައި އަދި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު އެ މައްސަލާގައި ހިމެނޭއިރު އެ މައްސަލާގައި ސީޕީއަށް އަމީން ގުޅުއްވުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރިޕޯޓުގައިވެ އެވެ.
"ހެޔޮ ނިޔަތުގައި ނަމަވެސް ފުލުހުންގެ އެއްވެސް އޮފިސަރަކަށް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވައި, މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމަކީ އާންމު މީހެއްގެ ވިސްނުމުން ބެލި ނަމަވެސް ބަލައިގަންނަން ދަތިކަމެއް." ކޮމިޝަންގެ ނިންމުމުގައި ބުނެފައިވެ އެވެ.
އަމީންގެ އެ ފޯން ކޯލްގެ ސަބަބުން ތަހުގީގަށް އަސަރު ނުކުރާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ދެ މިނިސްޓަރުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ކޮމިޝަނުން ލަފާ ދީފައެއް ނުވެ އެވެ.