ކާށިދޫ ދާއިިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުނިން ގދ. ވަޓަވައްރެހާގައި ރިޒޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އެރަށު ފަޅުން ވެލި ނަގައި ބިން ހިއްކި ކަމަށް ބުނާ މައްސަލައިގައި 12.9 މިލިއަން ރުފިޔާގެ ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވަޓަވައްރެހާގައި ރިސޯޓެއް ތަރައްގީ ކުރަން ދޫކޮށްފައިވަނީ ސ. ހުޅުދޫ. ޑޭޒީމާގޭ، މައިޝާ އިބްރާހީމް ހިލްމީއަށް ދޫކުރީ ޖޫން 26، 2006ގަ އެވެ. ނަމަވެސް ވަޓަވައްރެހާ ހަވާލުކުރުމަށް ހެދި އެއްބަސްވުމުން ލިބޭ ހައްގުތަށް ފަހުން ވަނީ ޔޮޓް ޓުއާސް ކުންފުންޏާއި ހަވާލުކޮށްފަ އެވެ.

ޔޮޓް ޓުއާސްއިން އެރަށުގައި ރިސޯޯޓު ތަރައްގީ ކުރުމުގެ ތެރެއިން ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓް ލިބުމުން އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އެރަށް ޒިޔާރަތްކޮށް ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތަކުގެ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ.

އީޕީއޭގެ އެ ރިޕޯޓުގައި ބުނެފައިވަނީ، އެރަށް ތަރައްގީކުރުމަށް ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓަށް ރިއާއަތްކޮށް، ރަށް ތަރައްގީ ކުރަން ހުއްދަދީ ދޫކުރި އެންވަޔަރަމެންޓް ޑިސިޝަން ނޯޓާ ހިލާފަށް ޔޮޓް ޓުއާސްއިން އަމަލު ކޮށްފައިވާކަން އެގޭ ކަމަށެވެ. އަދި އެ ޑިސިޝަން ސްޓޭޓްމެންޓް ދޫކޮށްފައި ވަނީ ރަށުގެ އެއްވެސް ދިމާލަކުން ވެލި ނުނެގުމަށް ޝަރުތުކޮށް ކަމަށެވެ.

އެ ރިޕޯޓުގެ އިތުރަށް ބުނެފައިވަނީ ވަޓަވައްރެހާގެ ވިލުގެ ހުޅަނގުން 16،053 އަކަމީޓަރުގެ ސަރަހައްދެއް އެވަރެޖުކޮށް 1.4 މީޓަރަށް ކޮނެ، 22،475 ކޮޑިމީޓަރުގެ ވެލި ނަގާފައިވާކަން އެގޭ ކަމަށެވެ. ރަށުގެ ދެ ޖެޓީ ކައިރިން ކޮނެ 1174 ކޮޑިމީޓަރުގެ ވެލި އިތުރަށް ނަގާފައިވާއިރު އެއީ ޖުމްލަ 23،650 ކޮޑިމީޓަރުގެ ވެލި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ވެލި ނެގުމުގެ އިތުރުން ރަށުން 7357 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށްވެސް ރިޕޯޓުގައި ވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތަކަށް ރިއާޔަތްކޮށް ޔޮޓް ޓުއާސް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއަކާއި، ވަޓަވައްރެހާގެ ވިލުގެ ހުޅަނގުންނާއި ދެ ޖެޓީއާ ކައިރިން ގާނޫނާ ހިލާފަށް ވެލި ނެގުމުން 7.57 މިލިއަން ރުފިޔާގެ ޖޫރިމަނާ އަދި ހިއްކުމުން 3.37 މިލިއަން ރުފިޔާގެ ޖޫރިމަނާއަކާއެކު ޖުމްލަ 12.94 މިލިއަން ރުފިޔާއިން ޖޫރިމާނާކުރި އެވެ. ޔޮޓް ޓުއާސް އެ ހުރިހާ ޖޫރިމާނާއެއްގެ ފައިސާ އޮގަސްޓް 27، 2009 ވަނަ ދުވަހާ ހަމައަށް ދައްކަން ޖެހެ އެވެ.

ނަމަވެސދް ޖޫރިމާނާގެ ފައިސާ ދައްކަން ޖެހޭ މުއްދަތަށް ނުދެއްކުން އެންވަޔަރުމެންޓް މިނިސްޓްރީން ޔޮޓް ޓުއާސްގެ އަތުން ފައިސާ ހޯދަން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

ކޯޓުން އެ މައްސަލައިގެ ޖާވާބުދާރީ ވުމަށް ޔޮޓް ޓުއާސް ކުންފުންޏަށް ޗިޓް ފޮނުވުމުން އެ ކުންފުނިން ޖަވާބުދާރީވެފައި ނުވެ އެވެ. އެހެންވެ ކޯޓުން ނިންމީ އެ މައްސަލަ ޔޮޓް ޓުއާސްގެ އައިރު ހާޒިރުގައި ކުރިއަށް ގެންދިޔުމަށެވެ.

ކޯޓުގައި ޔޮޓް ޓުއާސްއާ ދެކޮޅަށް މައްސަލަ ކުރިއަށްދިޔަ އިރު އެންވަޔަރުމެންޓް ޑިސިޝަން ސްޓޭޓްމަންޓުގެ ކޮޕީއެއް ހޯދުމަށް ކޯޓުން އެދުމުން، އެންވަޔަރަމެންޓް މިނިސްޓްރީ ތަމްސީލު ކުރި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފައި ވަނީ އެ ލިޔުން މިހާރު ފެންނަން ނެތް ކަމަށެވެ.

އެންވަޔަރުމެންޓް ޑިސިޝަން ސްޓޭޓްމަންޓުގެ ކޮޕީއެއް އޭޖީގެ ފަރާތުން ހުށަނޭޅުމުން ކޯޓުން ނިންމީ ޔޮޓް ޓުއާސްއިން އެންވަޔަރުމެންޓް ޑިސިޝަން ސްޓޭޓްމަންޓުގައި ފާހަގަކޮށްފައިވާ ކަންތަކަށް ޔޮޓް ޓުއާސްއިން ހިލާފުވިކަން އޭޖީއަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އޭޖީގެ ފަރާތުން މައްސަލައާ ގުޅުން ހުރި ކާފީ ހެއްކެއްވެސް ދެއްކިފައިނުވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ދެހާސް ނަވަރަ ވަނަ އަހަރު ޖާބިރު ވަނީ ވަޓަވައްރެހާ ވިއްކަން އިއުލާންކޮށްފަ އެވެ. އޭރު އެރަށުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމެން ކައިރުވެފަ އެވެ.