ދޮންކެޔޮ ކާން ބޭނުންވަނީ އެންމެ ތާޒާކަންމަތީ އެއްވެސް ލަފެއް ނެތި އެވެ. މިއީ ވަކިން ޚާއްސަކޮށް ކުޑަކުދިން ވެސް އެމޭވާ ކާންބޭނުންވާ ގޮތެވެ. އެހެންނަމަވެސް ދޮންކެޔޮ ގަނެގެން ގެއަށް ގެނެސް ކާން ބަލާލާއިރު، އާންމުކޮށް ހުންނަނީ ބޭނުންވާ ދޮންކަމާއި ތާޒާކަންމަތީއެއް ނޫނެވެ. ގިނަފަހަރު ލައްޖެހި ކާހިތްނުވާ ފަދަ ގޮތަކަށް ބަދަލުވެފަ އެވެ.
މިކަމުގައި ދެންއުފެދޭސުވާލަކީ ދޮންކެޔޮ މިރައްކާކުރެވެނީ އެންމެ ރަނގަޅު ގޮތުގައި ތޯއެވެ. ފްރިޖްކުރުމުން ވަރަށް އަވަހަށް ތޮށިކަޅުވެ އެވެ. ވީމާ ފްރިޖްކުރުމަކީ ދޮންކެޔޮ ތާޒާކޮށް ބެހެއްޓުމަށް ރަނގަޅު ގޮތެއް ނޫނެވެ. ދޮންކެޔޮ ތާޒާކަންމަތީ ބެހެއްޓުމަށް އެންމެ އާންމުކޮށް ކުރާކަމަކީ ހާމައަށް ބަހެއްޓުމެވެ. އެހެންނަމަވެސް މިގޮތަކީ ވެސް އޭގެ ރީތިކަން ދޮންކަން ދެމެހެއްޓުމަށް މާބޮޑު އެހީއެއް ވާކަމެއް ނޫނެވެ. އެއީ ދޮންކޭލަކީ މާއަވަހަށް ދޮންވާ މޭވާއަކަށް ވާތީ އެވެ.
ތަނޑު ރަނގަޅަށް ބަންދުކުރުމުން އަވަހަށް ދޮންވުން ހުއްޓުވާ
ދޮންކެޔޮ ތާޒާކޮށް ބެހެއްޓުމަށް އޭގެ ތަނޑުމުހިންމު ރޯލެއް އަދާކުރާ ކަމަށް ސައިންސުގެ ހޯދުންތަކުން ދައްކަ އެވެ. ދޮންކެޔޮ ދޮންވެ ފާވުމަށް އެހީވެދެނީ އެތައިލީން ކިޔާ ގޭހެކެވެ. އެތައިލީން ގޭހަކީ އަނބު އަދި އެވޮކާޑޯ ވެސް ދޮންވުމަށް އެހީވެދޭ ގޭހެވެ. މިގޭސް އުފެދެނީ ދޮންކޭލުގެ ތަނޑުންނެވެ. ދޮންކޭލުގެ ތަނޑުން އެތައިލީން ގޭސް ބޭރުވާން ފެށުމުން އެންޒައިމްތަކެއްގެ މަސައްކަތް ފެށި ދޮންކެޔޮ ދޮންވެ ފައްކާވާން ފަށަ އެވެ.
އެތައިލީން ގޭސް ބޭރުވުން ހުއްޓުވުމުން ދޮންކެޔޮ އަވަހަށް ދޮންވެގެން ދިއުން ހުއްޓުވެ އެވެ. އެކަމަށްޓަކައި ދޮންކެޔޮގެ ތަނޑު ކަރުދާހުން، ކޮތަޅުން ނުވަތަ ފޮތި އޮޅައިގެން ނަމަވެސް ބަންދުކުރުމުން އެތައިލީން ގޭސް ބޭރުވެ ވައިގައި ހިމެނޭ އޮކްސިޖަންއާ އެކުވެ، ދޮންވުމަށް ބޭނުންވާ ކެމިކަލް ރިއެކްޝަން ހުއްޓުވަ އެވެ.
ދޮންކޭލަކީ ހޫނު މޫސުމުގެ މޭވާއެކެވެ. ފިނިހޫނު ކަމަށް އަންނަ ބަދަލެއްގެ ސަބަބުން އޭގެ ސެލްތައް އަވަހަށް ހަލާކުވުމަށް މެދުވެރިވެ އެވެ. ފްރިޖްކޮށްފިނަމަ އެތެރެ ހަލާކު ނުވި ނަމަވެސް ތޮށިގަނޑު ހަލާކުވާން ދިމާވަނީ ދޮންކެޔޮ ތޮށީގައި ހުންނަ ސެލްތައް ހަލާކުވާން މެދުވެރިވާތީ އެވެ.
ތިރީގައި މިހިމަނާލަނީ ދޮންކެޔޮ ތާޒާކޮށް ބެހެއްޓުމަށް ކަމާބެހޭ މާހިރުން ކުރުމަށް ލަފާދޭ ބައެއްކަންކަން
1- ހޫނުގެ އަސަރެއް ނުވާނޭހެން ދޮންކެޔޮ ރައްކާކުރުމަކީ ދޮންކެޔޮ އަވަހަށް ދޮންވެ، ހަލާކުވުމުން ދުރުކޮށްދޭނެ ކަމެކެވެ. އެގޮތުން އަވި ލިބޭގޮތަށް ހުންނަ ކުޑަދޮރުތަކާއި، އަވަންގެ ހޫނު ނުވަތަ އެނޫންވެސް ގޮތަކުން ހޫނު ނުލިބޭނެހެން ބެހެއްޓުން ވަރަށް މުހިންމެވެ. ހޫނާއި ވައިން ލިބޭ އޮކްސިޖަންގެ ސަބަބުން ދޮންކެޔޮގެ ތަނޑުން އެތައިލީން ގޭސް އުފެއްދުން އިތުރުވެ އެވެ. އެއާއެކު ދޮންކެޔޮގެ ތޮށިގަނޑު ހިކެން ފަށަ އެވެ.
2- ދޮންކޭލާއި އެހެނިހެން މޭވާއާއި ވަކިން ރައްކާކުރުމަކީ ދޮންކެޔޮ އަވަހަށް ދޮންވުމުން ދުރުކޮށްދޭނެ ކަމެކެވެ. އެވޮކާޑޯ، އާފަލު އަދި ޓޯމާޓޯ ފަދަ މޭވާތަކުގެ ތަނޑުން ނުކުންނަ އެތައިލީން ގޭހުގެ އަސަރު ދޮންކޭލަށް ވެސް ކުރެ އެވެ. އެއާއެކު ދޮންކެޔޮ ދޮންވުން އަވަސްކޮށްދޭނެ އެވެ.
3- ދޮންކެޔޮ ޕްލާސްޓިކް ކޮތަޅުގައި ބަންދުކުރުމަކީ އެ މޭވާ އަވަހަށް ހަލާކުވާން މެދުވެރިވާ ކަމެކެވެ. އެއީ ދޮންކެޔޮ ޕްލާޓިކް ކޮތަޅުގައި ބަންދުކުރުމުން އޭގެން ބޭރުވާ ފެނާއި އަދި އެތައިލީންގޭސް އެތޭރޭގައި ހަރުލުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ޕްލާސްޓިކް ކޮތަޅަށް ވުރެ ދޮންކެޔޮ ރައްކާކުރުން ރަނގަޅީ ކަރުދާސް ކޮތަޅުގަ އެވެ.
ދޮންކޭލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މުހިންމު މާއްދާތައް ހިމެނޭ މޭވާއެކެވެ. އޭގެ ތެރޭގައި ޕޮޓޭސިއަމް، ފައިބާ، ވިޓަމިން ބީ6 އަދި ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނެ އެވެ. މި މާއްދާތަކުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަމާއި، ހަޖަމްކުރުމުގެ ނިޒާމަށް ގިނަގުނަ ފައިދާތަކެއް ކުރެ އެވެ. އަދި މޫޑު ރަނގަޅުކޮށްދެ އެވެ. ވީމާ ދޮންކެޔޮ ގިނަ ދުވަހަށް ތާޒާކަންމަތީ ދެމެހެއްޓުމަށްޓަކައި ތަނޑު ބައްދުކުރުމާއި ހޫނުން ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.