ބޮލީވުޑްގައި އަބަދުވެސް އާ ކަންތައްތައް ތަޖުރިބާކޮށް ތަފާތު ފިލްމުތަކަށް އާނބަސް ބުނާތީ ވެޓެރަން އެކްޓަރު އަމީތާބު ބައްޗަން އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަންއަށް ތައުރީފު ކޮށްފި އެވެ.

އަބީޝޭކްގެ ފޮޓޯއަކާއެކު އަމީތާބުގެ އަމިއްލަ ބްލޮގުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އޭނާ ވަނީ އަބީޝޭކްގެ ފިލްމީ ހަޔާތުގެ ނިންމުންތައް ފާހަގަކޮށް އެކަމަށް ތައުރީފު ކޮށްފަ އެވެ.

"އޭނާ ކުޅެން އެއްބަސްވާ ކޮންމެ ފިލްމަކީ އިހުލާސްތެރިކަމާއެކު ކުޅެ ނިންމާފައިވާ ފިލްމުތަކެއް. އޭނާ ޚިޔާރުކުރާ ކެރެކްޓަރުތަކަކީ އެ ކެރެކްޓަރަށް ތައްޔާރުވާން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކެރެކްޓަރު ތަކެއް. އެކަން އޭނާ ވަނީ ވަރަށް ފުރިހަމައަށް ކޮށްފައި،" އަމީތާބު ލިޔެފައިވެ އެވެ.

2000 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "ރެފިއުޖީ"އިން ބޮލީވުޑަށް ތައާރަފްވި އަބީޝޭކް ވަނީ އޭނާގެ ފިލްމީ ހަޔާތުގައި ވަރަށް ތަފާތު ފިލްމުތަކެއް ކުޅެފަ އެވެ.

އެގޮތުން "ޕާ"، "ގުރޫ"، "ސަރްކާރް"، "ރާވަން" އަދި "ދޫމް" ފަދަ ފިލްމުތަކަކީ އޭނާގެ ކެރިއަރުގައި ފާހަގަ ކޮށްލެވޭ ކާމިޔާބު ފިލްމު ތަކެކެވެ.

އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ މިމަހުގެ ހަވަނަ ދުވަހު ރިލީޒްކުރި "ހައުސްފުލް 5" އެވެ. އެއީ 2010 ވަނަ އަހަރު ފެށި ހައުސްފުލް ފްރެންޗައިޒްގެ ފަސްވަނަ ފިލްމެވެ.