މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައި، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް އެމްއޭސީއެލްގެ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޮރާޓު)ގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ މިފަދަބޮޑު މަސައްކަތެއް ހިނގަމުން ދާއިރު ގައުމީ އަދި ބައިނަލްއަގުވާމީ ގޮތުން އެމްއޭސީއެލް އިން އަމަލުކުރުން ލާޒިމްކުރާ ހަމަތަކާއި އުސޫލުތަކެއް ގާއިމްވެފައި އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއާއި އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފުރިހަމައަށް އެ ކުންފުނިން އަމަލަކުރަން ޖެހޭ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

"މި ބަޔާންކުރެވުނު ތިން ފަރާތުގެ މިންގަނޑުތަކަށް އެއާޕޯޓްގެ ފެސިލިޓީތައް އޮޕަރޭޓްކުރުމުގެ ކުރިން ތަންފީޒުކުރުމަށްޓަކައި އެކަށައަޅާފައިވާ ވެލިޑޭޝަން ބްރިޖަކީ "އޮރާޓް"،" އެ ކުންފުނިން ބުންޏެވެ.

އޮރާޓުގެ ހަރަކާތްތަކާއި ކަންކަން ފަސޭހަކަމާއެކު ދެނެގަތުމަށްޓަކައި އޮރާޓަކީ ކޮބަ؟

އޮރާޓަކީ އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، އިކުއިޕްމެންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި، ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި އެއާޕޯޓު ނުވަތަ ޓާމިނަލް ގައުމީ އަދި ބައިނަލްއަގްވާމީީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ. މީގެ ތެރޭގައި ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތައްކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މިންގަނޑުތައް ކަށަވަރުކުރަންޖެހޭ އެވެ.

އޮރާޓުގެ ސަބަބުން ލިބޭ މައިގަނޑު ތިން ފައިދާއެއް އޮވެ އެވެ. އެއީ؛

  • އާ ޓާމިނަލް ހުޅުވުމުގެ ކުރިން އޮޅުންބޮޅުންތަކާއި ހާލަތު ގޯސްވުންތަކުން (ކޭއޯސްތަކުން) ފަސިންޖަރުންނާއި މުއައްޒަފުން ސަލާމަތްކުރުން
  • އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެތަނުގެ ރައްކާތެރިކަމާއި ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުން
  • އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެތަނުގެ ޚިދުމަތް ހޯދާ ފަރާތްތައް ކަމުގައިވާ އެއާލައިންތަކާއި ފަސިންޖަރުންގެ އިތުރުން ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދިނުން

އޮރާޓުގައި ހިމެނޭ ބައިތަތަކީ ކޮބާ؟

އޮރާޓުގެ ހަތަރު ބައެއް ހިމެނެ އެވެ. އެއީ ފެސިލިޓީ، އިންފޮމޭޝަން، ސިސްޓަމްސް އަދި ހިއުމަން (އެފްއައިއެސްއެޗް) އެވެ. އޮރާޓުގެ ހުރިހާ މަރުހަލާއެއްގައި ވެސް މި ހަތަރު ބައިގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އާއި މިންގަނޑަށް ފެތޭތޯ ކަށަވަރު ކުރެވޭނެ އެވެ.

އޮރާޓުގެ މަސައްކަތްތައް މައިގަނޑު 6 ބައެއްގެ މައްޗަށް ތަރުތީބު ކުރެވިފައިވެ އެވެ. އެއީ

ހ. އޮޕަރެޝަނަށް ކަންކަން ރާވާލުމާއި ތައްޔާރުވުން

މިއީ އޮރާޓުގެ އެންމެ ފުރަތަމަ މަރުހަލާ އެވެ. މި މަރުހަލާގައި؛

• އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތްތައް، މިސާލަކަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އެއާލައިންސް، އެހެނިހެން މަސައްކަތްތެރީން ދެނެގަނެ، ޓީމުތައް އެކުލަވާލައި އެމީހުންގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އެކަށަައަޅައި ކުރިއަށް ގެންދާނެ

• އެއާޕޯޓުގައި ބޭނުންކުރަން ގަސްތުކުރާ އަދި ބޭނުންކުރަމުން އަންނަ ސިސްޓަމްތަކާއި މެޝިނަރީޒް، މިސާލަކަށް ބެގޭޖް ހޭންޑްލިން ސިސްޓަމާއި، ސެކިއުރިޓި ސިސްޓަމާއި، ޗެކިން ސިސްޓަމްތައް ދެނެގަނެވޭނެ.(

ށ. ހުރިހާ ކަމެއް އަޖުމަބެލުން ނުވަތަ ޓެސްޓުކުރުން

މިއީ އޮރާޓޫގެ ދެވަނަ މަރުހަލާ އެވެ. މި މަރުހަލާގައި؛

• އެއާޕޯޓުގެ އާ ޓާމިނަލްގައި ބޭނުންކުރާ އަދި ބޭނުންކުރަން ގަސްތުކުރާ އިކުއިޕްމެންޓާއި، މެޝިނަރީޒްގެ އިތުރުން ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީއެއްގެ އަޖުމަބެލޭނެ.

• މި އަޖުމަ ބެލުމުގެ ތެރެއިން މި އިކުއިޕްމެންޓާއި، މެޝިނަރީޒްގެ އިތުރުން ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީގައި ހުރި މައްސަލަތައް ދެނެގަނެ ހުޅުވުމުގެ ކުރިން އެކަންކަން ހައްލުކުރެވޭނެ.

ނ. ހާލަތު ތަމްސީލުކުރުން ނުވަތަ އޮޕަރޭޝަނަލް މޮކަޕެއް ކުރިއަށް ގެންދިއުން

މިއީ އޮރާޓުގެ ތިންވަނަ މަރުހަލާ އެވެ. މި މަރުހަލާގައި؛

• ތަމްސީލީ ގޮތެއްގައި އާ ޓާމިނަލްގެ އޮޕަރޭޝަން ކުރިއަށް ގެންދާގެ ގޮތް ތަޖުރިބާ ކުރެވޭނެ އެވެ. ފްލައިޓުތަކާއި ފަސިންޖަރުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަނެ ތަމްސީލު ކުރެވޭނެ އެވެ. އެގޮތުން ދެހާހެއްހާ މީހުން ފަސިންޖަރުންގެ ގޮތުގައި ބޭނުންކޮށްގެން މުޅި ޓާމިނަލްގެ ފުރިހަމަ ޓްރަޔަލްއެއް ބޭއްވޭނެ އެވެ.

• އާ ޓާމިނަލްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުޢައްޒަފުން ތަމްރީނު ކުރުމުގެ ތެރެއިން، މުޢައްޒަފުންހިދުމަތްދިނުމުގައި ފާހަގަކުރެވޭ އުނދަގޫތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެ އެވެ.

ރ. މުއައްޒަފުން ތަމްރީނުކުރުން

މިީ އޮރާޓުގެ ހަތަރުވަނަ މަރުހަލާ އެވެ. މި މަރުހަލާގައި؛

• އާ ޓާމިނަލްގައި ބޭނުންކުރާ ސިސްޓަމްތަކާއި އިކުއިޕްމަންޓު ބޭނުންކުރާނެ ގޮތްތަކާއި އުސޫލުތައް ބުނެދެވޭނެ.

• ކުއްލި ނުރައްކަލުގެ މަރުހަލާގެ ކަންކަމަށް މުއައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި ޑްރިލްސްތައް ކުރިއަށް ގެންދެވޭނެ އެވެ. މިސާލަކަށް އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ޓާމިނަލްއިން މީހުން ހުސްކުރުން ފަދަ ޚާއްސަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ބުނެދެވޭނެ އެވެ.

ބ. ޓާމިނަލް ބޭނުންކުރުމަށް ފެށުން

މިއީ އޮރާޓުގެ ފަސް ވަނަ މަރުހަލާ އެވެ. މި މަރުހަލާގައި؛

• މިއީ އާންމު ހާލަތުގައި އާ ޓާމިނަލް ފްލައިޓުތަކާއި ފަސިންޖަރުންނަށް ހުޅުވާލުމެވެ. އެގޮތުން ރޭވުންތެރިކަމާއެކު ފަހަރަކު އެއާލައިނެއްގެ އިންޓަނޭޝަނަލް އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރަމުން ގެންދާނެ އެވެ.

• އެގޮތުން އެއާލައިންތައް އިތުރުކުރަމުން އައިސް ބައިނަލްއަގުވާމީ ހުރިހާ އެއާލައިންތަކުގެ އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރެވޭނެ އެވެ. ޅ. މޮނިޓާ ކުރުމާއި ކަންކަން ރަނގަޅުކުރުން

މިއީ އޮރާޓުގެ ހަވަނަ މަރުހަލާ އެވެ. މި މަރުހަލާގައި؛

• ޓާމިނަލް ހުޅުވުމަށްފަހު ފާހަގަކުރެވޭ މައްސަލަތައް އަވަސްކަމާއެކު ދެނެގަނެ އެކަންކަން ހައްލުކުރެވޭނެ އެވެ.

• އަދި ޓާމިނަލްގެ އޮޕަރޭޝަނަށް ބުރުނާރާ ގޮތުގައި ހުރިހާ ކަމެއް ކުރިއަށްގެންދެވޭނެކަން ކަށަވަރުކުރާނެ އެވެ.

• ޚިދުމަތް ދިނުމަށް އެކުލަވާލެވިފައިވާ މެކޭނިޒަމްތައް އޭގެ އެންމެ އުހަށް ހިއްލާލެވޭނެ އެވެ. އޮޕްޓިމައިޒް ކުރެވޭނެ އެވެ.

މިއީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގައި އެ ކުންފުނިން އަމަލުކުރަމުން އަންނަ ބައިނަލްއަގުވާމީ މިންގަނޑުތަކެވެ.