ބިއްލޫރި އަޅައި ނާށި އަންދައި ދޮންކޮށްގެން ބަނަސްފިހުމުގެ ބުރަ މަސައްކަތް ކުރާތަން އޭނާއަށް ވަނީ ފެނި ތަޖުރިބާ ކުރެވިފަ އެވެ. ފިހުނު ބަނަސްތަކާއި ފާރޮށި ޑެލިވާކުރަނީ ޚުދު އޭނާގެ ބައްޕަ ހުސެން އަލީ އެކަނިމާ އެކަންޏެވެ.
ވިއްސަކަށް އަހަރު އެ މަސައްކަތުގައި އޭނާގެ ބައްޕަ ވަރަށް ބުރަކޮށް އުޅެފައި މަސައްކަތް ނުކުރެވޭ ވަރަށް ބަލިވުމުން އޭނާގެ ދަރިން ނިންމީ އެ މުހިންމު މަސައްކަތް ދިރުވާ އަލާ ކުރުމަށެވެ. ޒަމާނީ މެޝިނަރީގެ އެހީގަ އެވެ.
ބ. އޭދަފުއްޓަށް ނިސްބަތްވާ ޔަތީމާ ހުސެއިން ނުވަތަ އާންމު ނަމުން ނަމަ އައިސްތުއަކީ އޭދަފުށީގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭކަރީގެ ހިދުމަތްދޭ މީހެކެވެ.
ބައްޕަ ބަލިވުމުގެ ސަބަބުން މުޅި އާއިލާއިން އިސްނަގައިގެން އެ މަސައްކަތަށް ބޭނުންވާ އެންމެ ފަހުގެ މެޝެނަރީ އަދި މަސައްކަތް ކުރާނެ މުވައްޒަފުން ގެނެސްގެން "ނަފާ ބޭކް ހައުސް"ގެ ނަމުގައި އެ މަސައްކަތް ޒަމާނީ ފެންވަރުގައި އާ ރޫހަކާއެކު ކޮޅަށް ޖެހި އެވެ. އައިސްތު އާއި އޭނާގެ ކޮއްކޮ އަހުމަދު ނާސިހު އިސްކޮށް ހުރެ ބައްޕަގެ ވިޔަފާރީގައި މުހިންމު ދައުރެއް މިއަދު ދަނީ އަދާކުރަމުންނެވެ.
"އޭދަފުށީ ރައްޔިތުންނަށާއި ކައިރި ރަށްރަށުގައި އުޅޭ ރައްޔިތުންނަށް ބަނަހާއި ފާރޮށި ޑެލިވާކޮށް ހެދީ ބައްޕަ އަމިއްލައަށް. ބައްޕަ ދިން ވަރަށް އަގުހުރި ޚިދުމަތެއް މީ. ބައްޕަގެ ބޭކަރީގެ މަސައްކަތަށް މުޅި އޭދަފުށި ބަރޯސާވެފައިވާ މިންވަރު އަޅުގަނޑުމެންނަށް އިހްސާސް ކުރެވޭތީ އެ ޚިދުމަތް ދިނުން ހުއްޓާނުލުމަށް އަޅުގަނޑުމެން ނިންމައި، މިކަން ކުރިއަށް ގެންދަން ފެށީ. ކޮއްކޮގެ މަސައްކަތަކީ އެއްޗެހި ގެންނަން ތަންތަނަށް އޯޑަރުކޮށް ހެދުން. އަޅުގަނޑު ކުރާ މަސައްކަތަކީ ހިސާބު ބެލެހެއްޓުމާއި މަސައްކަތް އަމާންކަމާއެކު ކުރިއަށް ގެންދިއުން. މަސައްކަތް ކުރާ މިހުންގެ ޒިންމާ ރަނގަޅަށް އަދާކުރޭތޯ ބެލުންފަދަ ކަންކަން،" އައިސްތު ކިޔައިދިނެވެ.
އައިސްތުގެ ބައްޕަ މައިގަނޑު ގޮތެއްގައި ފިހުނީ ބަނަހާއި ފާރޮއްޓެވެ. އައިސްތު ބޭކަރީ މަސައްކަތާއި ހަވާލުވި ފަހުން ބަދަލުތަކެއް ގެނަ އެވެ. ބަނަހާއި ފާރޮށީގެ އިތުރުން ގިނަ ވައްތަރުތަކެއް ތައާރަފު ކުރި އެވެ. އޭގެ ތެރޭގައި ޑޯނަޓް، ސިނަމަން ބަން، ޕިއްޒާ، ކްރޮސޯން، އަދި ކަޕް ކޭކްސް ހިމެނެ އެވެ. އެކަމަށްޓަކައި ކޮންމެ އައިޓަމަކަށް ބޭނުންވާ ޚާއްސަ މެޝިން ވެސް ހޯދި އެވެ. މަސައްކަތް ލުއިކުރުމަށް މުވައްޒަފުން ވެސް ގެނަ އެވެ.
"އަޅުގަނޑުމެން ބައްޕަ ބޭނުންކުރި އެއްޗެހި އުކާލާފައި ބޭކަރީއަށް ޚާއްސަ މެޝިން ގަތީ. އެއީ ފުށް މޮޑުމަށާއި ޕިއްޒާ ހެދުމަށާއި ބަނަސް ހެދުމަށާއި އަދި އަދި ޕާން ހެދުމަށް. ކޮންމެ ކަމަކަށް ވަކި މެޝިނެއް ހުންނާނެ،" އައިސްތު ބުންޏެވެ.
ނަފާ ބޭކަރީގެ ޕާނާއި އެހެނިހެން އުފެއްދުންތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ކަށަވަރު ވެފައިވާ އުފެއްދުންތަކެކެވެ. މުއްދަތު ހަމަވާ ތާރީޚް ޖަހައި ސިއްހީ އަދި ސާފުތާހިރު މިންގަނޑުތަކަށް ފެތޭގޮތަށް އެ ބޭކަރީއިން ތައްޔާރުކުރެވޭ ކޮންމެ ކާއެއްޗަކީ އަނގަޔަށް މީރު، ރަހަޔަށް ބަދަލު ނުގެނެސް އަބަދުވެސް އެއްގޮތަކަށް ތައްޔާރު ކުރެވޭ ތަޒާ ތަކެއްޗެވެ.
ކޮންމެ ދުވަހަކު ތައްޔާރުކުރާ ތަކެތި ހުސްވާ ކަމަށާއި ޑިމާންޑާ އެއްވަރަށް ގިނަފަހަރަށް ޚިދުމަތް ނުދެވޭ ކަމަށް އައިސްތު ބުންޏެވެ. އޭދަފުށީގައި ވިއްކަން އެއްޗެހި ތައްޔާރު ކުރުމުގެ އިތުރުން ކައިރި ރަށްރަށުން އަންނަ އޯޑަރުތަކަށާއި، ޕާޓީ އަދި ޚިތާނީތަކަށް ވެސް ޕިއްޒާ، ބާގާ، ކުދި ބަނަސް އަދި ކްރީމް ޖެހި ބަނަސް، އޯޑަރަށް ނަފާ ބޭކަރީއިން ތައްޔާރުކޮށްދެ އެވެ.
ބ އަތޮޅުގެ ހުރިހާ ރަށަކަށް ވެސް އޯޑަރު ދިނުމުން ޑެލިވާކޮށްދިނުގެ ޚިދުމަތް އެ ބޭކަރީ އިން ދެ އެވެ. އަދި އޭދަފުށީގެ ފިހާރަތަކަށް ވެސް އަދި ގޭގެއަށް ވެސް އޯޑަރު ދިނުމުން ޑެލިވާކޮށްދެ އެވެ. މާލެއަށް ޑެލިވާކުރުމުގެ ޚިދުމަތް ނުދިން ނަމަވެސް ވަރަށް ގިނަ މާލޭގައި ދިރިއުޅޭ މީހުން އެ ބޭކަރީގެ ބަނަސް ގަނެގެން ގެންދާ ކަމަށް އައިސްތު ބުންޏެވެ.
"މާލޭގައި އެބައުޅޭ ނަފާ ބޭކަރީގެ ބަނަސް ނޫނީ ނުކާ މީހުން. އެ މީހުން މި ރަށަށް އަންނަ މީހުން މެދުވެރިކޮށް ބަނަސް ގަނެގެން ވެސް ގެންދޭ،" އައިސްތު ބުންޏެވެ.
އައިސްތުގެ އާއިލާއިން އޭދަފުށީގައި ބޭކަރީގެ ޚިދުމަތް ދިނުމުގައި މެދުނުކެނޑި 40 ވަރަކަށް އަހަރު ވެފައިވާއިރު، އަދި މިހާތަނަށް އެއްވެސް މީހެއްގެ ފަރާތުން ޝަކުވާއެއް އައިސްފައި ނުވުމަކީ އެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރެވޭ ކަމުގެ އަލިގަދަ ހެއްކެކެވެ.
"އެންމެން ވެސް ބުނަނީ ވަރަށް ރަނގަޅޭ މި ތައްޔާރު ކުރާ އެއްޗެހި. ވަރަށް މީރޭ ތި ގޮތުގައި ހިފެހެއްޓޭތޯ ބަލާށޭ،" އައިސްތު ވަރަށް އުފަލާއެކު ބުންޏެވެ.
ބޭކަރީއެއް ހިންގުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. ބޭކަރީގެ އުފެއްދުންތަކަކީ މީހުން ހެނދުނު ހެނދުނާއި ބޭނުންވާނެ އެއްޗަކަށް ވުމުން އެ ތަކެއްޗަކީ ދުރާލާ ވަކި ގަޑިއަކަށް ތައްޔާރު ކުރަން ޖެހޭ އެއްޗެކެވެ. އައިސްތު އެކަމަށްޓަކައި ފަތިހު 5 ޖަހާއިރު މަސައްކަތަށް ނުކުމެ އެވެ. އަދި ރޭގަނޑު 10:30 ވަންދެން ކޮންމެ ރެއަކު އެ މަސައްކަތުގައި ވަގުތު ހޭދަކުރެ އެވެ.
ޚާއްސަކޮށް އަންހެނަކަށްވެ ހުރެ ދަރިންނާއި ގޭތެރޭގެ ކަންކަން ބަލަހައްޓަމުން ބޭކަރީއެއް ހިންގުން ފަދަ ބުރަ މަސައްކަތެއް ކުރުމަކީ ވަރަށް މުރާލި މީހަކަށް ނޫނީ ނުވާނެ ކަމެކެވެ. ކޮއްކޮގެ އެހީއާއެކު ވަރަށް ފުރިހަމައަށް އެ މަސައްކަތް ކުރިއަށް ގެންދެ އެވެ. މާބުރަ ދުވަހެއް ނަމަ ގޭގެ އެހެން ކުދިން ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭނާ ބުންޏެވެ.
ކޮންމެ މަސައްކަތަކީ ވެސް އިޚްލާސްތެރިކަމާއި ހިތްވަރާއި މިންނަތާއެކު ކުރިއަށް ގެންގޮސްފި ނަމަ ކާމިޔާބަށް ވާސިލްވާނެ ކަންކަމެވެ. ވިޔަފާރި ފަދަ މީހުންނަށް ދޭ އަގުހުރި ޚިދުމަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ އެންމެންގެ ލާބައަށް މުހިންމުކަމެވެ.