ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް އިމާރާތްކުރަން މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް"އާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފި އެވެ.

ބިޑުކުރުމެއް ނެތި އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއއިްޒުގެ ނިންމެވުމަކާ ގުޅިގެން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އެ މަސައްކަތް ކުރުމަށެވެ.

އިތުބާރުހުރި މަސްދަރަކުން "ހުރިހާ"އަށް ކަށަވަރުވެފައިވާ ގޮތުގައި މަސައްކަތް ހަވާލުކުރިތާ އެތަކެއް މަހެއް ވީއިރު ވެސް އެ ކުންފުނީގެ އެއްވެސް ޚަބަރެއް ނުވެ އެވެ. އެހެންވެ ސަރުކާރުން މިހާރު ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

އެ އެއްބްސްވުން ބާތިލްކުރިކަން ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދިި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު އެ ދުވަހު ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރު އާދަމް ޝަރީފް ދެއްވި ޔަގީންކަމާ އެއްގޮތަށް އެ މަސައްކަތް ކުރިއަކަށް ނިދިޔަ އެވެ. މަސައްކަތް ކުރިއަށްނުދާތީ އެ ވާހަކަ ނުދައްކައި އެކަން ސިއްރު ކުރަނީ އެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރިއިރު ވެސް ގިނަ ބަޔަކު ބުނަމުން ދިޔައީ އެއީ ސްކޭމެއް ކަމަށާއި އަޑިނޭނގޭ ކޮރަޕްޝަންގެ އެތައް ކަމެއް އެކަމުގެ ފަހަތުގައިވާނެ ކަމަށެވެ.

ރާއްޖޭގެ 55 ރަށެއްގައި ވަރަށް އަވަހަށް ކައުންސިލް އިދާރާތައް އެޅޭނެ ކަމަށް ވިދާޅުވެ މަޖިލިސް މެންބަރުން ވެސް ދިޔައީ ރައީސް މުއިއްޒަށް ސަނާ ކިޔައި ޝުކުރު އަދާކުރަމުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ރެކޯޑް އަދަދަކަށް އެކި ޕްރޮޖެކްޓްތައް ވަނީ ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. މިއިން އެއްވެސް މަސައްކަތެއް ކުރިއަށްނުދާއިރު، ސަރުކާރު ކުންފުނިތަކުން މިހާރު ކުރަމުންދަނީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކޮށްފައިވާ މަސައްކަތްތަކެވެ.