ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އިންސާފުވެރިކޮށް ބާއްވައިފި ނަަމަ، އެމްޑީޕީ ސަރުކާރު ބޭޒާރުވާނެ ފަދަ ނަތީޖާއެއް އަންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިއަދު ޕީޕީއެމް އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަން ހިންގުވާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސަރުކާރުން ވޯޓު އޮޅުވައިލުމަށް ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން ތަކުރާރުކޮށް އެކި ތަންތަނުގައި އެކި މީހުން ވޯޓުލަމުންދާ ކަމަށާއި އަދި އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ވޯޓުލާން ފެށި ފަހުންް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވޯޓުލާ އެކި މަރުކަޒުތަކަށް ވަޑައިގެން ފާޅުގައި ކެމްޕެއިން ކުރެއްވި ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބައްލަވަން ކަމަށް ވިދާޅުވެ، މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ސައިކަލެއްގެ ފަހަތުގައި، ވޯޓުލާ އެކި މަރުކަޒުތައް ކައިރިއަށް ވަޑައިގެން މީހުންނާ ބައްދަލު ކުރައްވަމުން ގެންދެވި ކަމަށެވެ.

ރައީސް ނަޝީދުގެ އަމަލުތަކުގެ ވާހަކަތައް މީހަރު އިލެކްޝަން ކޮމިޝަން (އީސީ) ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެދެނީ އީސީ އެކަން ވީހާވެސް އަވަހަކަށް ބަލައިދެއްވުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.