ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންހްއާއި އޭނާގެ އަންހެނުން ދީޕިކާ ޕަދުކޯންގެ މެދުގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަޑުތައް އަރައިފި އެވެ.
މި އަޑުތައް އަރާފައިވަނީ ޖުލައި މަހުގެ ހަވަނަ ދުވަހު ފާހަގަކުރި ރަންވީރުގެ 40 ވަނަ އުފަން ދުވަހާ ގުޅިގެން ދީޕިކާގެ އެއްވެސް ބަހެއް އާއްމު ކޮށްފައި ނުވާތީ އެވެ.
އާއްމުކޮށް ތަރިން އެކަކު އަނެކަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އުފަންދުވަހުގެ ތަހުނިޔާ ކިޔާއިރު ފިރިމީހާއަށްޓަކައި އެފަދަ ޕޯސްޓެއް ދީޕިކާގެ ފަރާތުން ނުފެނުނީ އެ ދެމީހުންގެ މެދުގައި މައްސަލަތަކެއް އުޅޭތީ ކަމަށް އެމީހުން ބުނެ އެވެ.
ރަންވީރުގެ އުފަން ދުވަހުގެ މުނާސަބަތުގައި ދީޕިކާގެ ޕޯސްޓެއް ފެނިފައިނުވާއިރު ދާދި ފަހުން ނެރުނު ރަންވީރުގެ ކުރިއަށް އޮތް ފިލްމު "ދުރަންދަރް"ގެ ފުރަތަމަ ފެނިލުމަށް ވެސް ދީޕިކާގެ އިޝާރާތެއް ލިބިފައެއް ނުވެ އެވެ.
އެހެން ނަމަވެސް ދީޕިކާގެ ދިފާއުގައި ވާހަކަ ދައްކާ ސަޕޯޓަރުން ބުނަމުންދަނީ ބައެއް މީހުން އުޅެނީ ހުރިހާ ކަމެއް ބޮޑު ކޮށްލައިގެން ކަމަށާއި ކޮންމެ ކަމަކީ ސޯޝަލް މީޑިއާއަށް ގެންނަންޖެހޭ ކަމެއް ނޫން ކަމަށެވެ.
2018 ވަނަ އަހަރު ކައިވެނިކުރި ރަންވީރުއާއި ދީޕިކާއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަލަތު ދަރިފުޅު ލިބިފައިވާއިރު އެ ދެމީހުން ވެސް މިހާރު އިސްކަން ދެނީ އާއިލީ ދިރިއުޅުމަށެވެ.