ބިޒީކޮށްއުޅުނު ނަމަވެސް ހަފްތާގެ ވަކި ޚާއްސަ ދުވަހެއް ސާފުކުރުމަށް ހުސްކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިންމު ކަމެއް. އެގޮތުން ސާފުކުރުމަށް ހޮނިހިރު ދުވަސް ޚާއްސަކުރުމަކީ، ވަރަށް ހިތްހަމަޖެހިލައިގެން ހަފުތާ ފެށުމަށް މުހިންމު ކަމެއް. އެނދު ތަންމަތި ބަދަލުކުރުމާއި، އާންމުކޮށް މީހުން އަތްލުމުގެ ސަބަބުން ހަޑިވާނެ ކަމަށް ފާހަގަ ކުރެވޭ ތަންތަނާއި، ޑަސްބިން، ފާޚާނަ، އަދި ބަދިގެ ސާފުކޮށްލުމަކީ ހަފްތާގެ އެހެން ދުވަސްދުވަހު ގޭތެރޭގައި ކުރަން ހުންނަ މަސައްކަތް މަދުވެފައި ވާތީ ވަޒީފާގެ މަސްޢޫލިއްޔަތު ހިތްހަމަޖެހިގެން އަދާކުރުމަށް މުހިންމު ކަމެއް.

ދިރިއުޅޭ ތަނާ، ގެއާއި ގޯތިތެރެ ސާފުތާހިރު ކުރުމަށް ދިވެހިން ޚާއްސަ ސަމާލުކަމެއް އަބަދުވެސްދެ އެވެ. ހަފުތާ ބަންދު ޚާއްސަކޮށް ހޮނިހިރު ދުވަހުގެ ވަގުތު ކޮޅެއްގައި ގޭތެރެ ސާފުކުރުމަށް ވަގުތު ހުސްކުރުމަކީ ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެގެއްގެ ތެރޭގައި ދިރިއުޅެން ފަސޭހަވެގެން ދާނެ ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ހޮނިހިރު ދުވަހަށް ޚާއްސަކޮށްގެން ސާފުކުރުން މުހިންމު ކަމަށް ކަމާބޭ މާހިރުން ލަފާދޭ ޚާއްސަ ކަންތައްތަކެވެ.

ތަންމަތި އަޅާފައިވާ އެނދެއް: އެނދުގެ ބެޑްޝީޓް ބާލިސްއުރަ ފަދަތަކެތި ބަދަލުކުރުމަށް ކަމާބެހޭ މާހިރުން ލަފާދެއްވަނީ ހަފްތާއަކު އެއްފަހަރު

އެނދު ތަންމަތި ބަދަލު ކުރުމާއި ސާފުކުރުން

ނިދާ އެނދަކީ ހިރަފުހާއި، ގައިން ނުކުންނަ ދަލާއި، ބޮލުގައި ލާ ތެޔޮ ނުވަތަ ކްރީމް ފަދަ ތަކެތި ހޭކި އަވަހަށް ހަޑިވުމަށް މަގުފަހިވާ ތަނެކެވެ. އެއީ ހަމަ ލޮލަށް ނުފެނުނު ކަމުގައި ވިއަސް އެތަކެތި އެނދަށް ޖަމާވެ ބެޑްޝީޓު ތަޣައްޔަރު ވުމަށް މަގުފަހިވާނެތީ އެވެ. ވީމާ ކޮންމެ ދުވަހަކު ތަންމަތި ރޫފިލުވާލުމަކުން އެތަންމަތި ސާފުކަމަކަށް ނުވެބެލެވެ އެވެ. ވީމާ އެނދުގެ ބެޑްޝީޓް ބާލިސް އުރަ ފަދަ ތަކެތި ކޮންމެ ހަފްތާއަކު އެއްފަހަރު ބަދަލުކުރުމަށް ކަމާ ބެހޭ މާހިރުން ލަފާދެއްވަ އެވެ. އެކަމަކީ ސާފުތާހިރުކަން ދެމެހެއްޓުމަށާއި ފުރިހަމަ އަރާމު ނިންޖެއް ލިބުމަށް މުހިންމު ކަމަކަށް ވާތީ އެވެ.

އާންމުކޮށް އަތްލެވޭ ތަންތަން ސާފުކުރުން

ގޭތެރެ ސާފުކުރުމުގައި އެންމެ ސަމާލުކަން ކުޑަކުރެވޭ ތަންތަނުގެ ތެރޭގައި ދޮރުގެ އަތްގަނޑު، ވަތްގަނޑުގެ ހިފާތަން، ޓީވީ ރިމޯޓް، ސްވިޗް، ކީބޯޑް ހިމެނެ އެވެ. މިތަންތަނަކީ އެކި މީހުން އަވަސް އަވަހަށް އަތްލުމުގެ ސަބަބުން ފެންނަން ނެތަސް ތެލާއި، ކިލަޔާއި އަދި ޖަރާސީމު ހުންނާނެ ތަންތަނެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު މިތަންތަން ސާފުކޮށް ބެލެހެއްޓުމަކީ ސިއްހީ ގޮތުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ބަލިތަކުން ސަލާމަތްވެ ހުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މޯބައިލް ފޯނެއް:ފޯނާއި ރިމޯޓަކީ ގިނަމީހުން އަތްލާ ތަކެތިކަމަށްވާތީ ސާފުކޮށް ބެލެހެއްޓުމަކީ މުހިންމުކަމެއް

ކުނިއަޅާ ޑަސްބިން ދޮވެސާފު ކުރުން

ކުނިއަޅާ ވަށިގަނޑަކީ ކޮތަޅު ލައްވާފައި ހުރިނަމަވެސް ދޮވެނުލައިފިނަމަ ނުބައި ވަހެއް ހުންނަ އެއްޗެކެވެ. މިނުބައި ވަސް އުފެދެން ދިމާވަނީ އެއަށް އެޅޭ ކާތަކެތި ހަލާކުވުމަށް މެދުވެރިވާ ފަންގަސް އަދި ޖަރާސީމުތަކުގެ ފުށުން ބޭރުވާ ކެމިކަލްތަކެއްގެ ސަބަބުންނެވެ. ކުނިއެޅުމުގެ ސަބަބުން ޑަސްބިނުން ދުވާ ނުބައިވަސް ފިލުވައިލުމަށްޓަކައި ކޮންމެ ހަފްތާއަކު އެއްފަހަރު އޭގެ އެތެރެއާއި ބޭރު ދޮވުމަށް ޖަރާސީމު މަރާލާ ފަދަ ދިޔާ ދޮންނަ ކުނޑި އެއް ބޭނުން ކުރުމަށް ކަމާބެހޭ މާހިރުން ލަފާދެ އެވެ.

ފާޚާނާއެއް: ގޭގެ ހުރިހާފާޚާނާއެއްވެސް ހަފްތާއަކު އެއްފަހަަރު ދޮވެ ސާފުކުރުމަކީ ދުޅަހެޔޮކަމަށް މަގުފަހިވާނެ ކަމެއް

ފާހާނަ ސާފުކުރުން

ގޭތެރޭގެ ސާފުތާހިރުކޮށް ބެހެއްޓުމަށް ހަފްތާއަކު އެއްފަހަރު އެ ގެއެއްގައި ބޭނުންކުރާ ފާޚާނަތައް ދޮވެ ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފާޚާނަ ސާފުކުރުމުގެ ތެރޭގައި ހިމެނެނީ އެތަނުގައިވާ ލޯގަނޑު، ފާރު، ހާއްސަކޮށް ފެންވަރާ ދިމާލުގައިވާ ފާރު، ތަޅުން އަދި ފާހަނަ ތަށި ދޮވެ ސާފުކުރުމެވެ. ލޯގަނޑު ސާފުކުރުމަށް ވިނިގާ ނުވަތަ ބިއްލޫރި ސާފުކުރުމަށް ބޭނުންކުރާ ކަހަލަ ޚާއްސަ ކެމިކަލެއް ބޭނުން ކުރެވިދާނެ އެވެ. ފެންވަރާ ދިމާލުގައިވާ ފާރު ސާފުކުރުމަށް ވިނިގާ ނުވަތަ އެފަދަ ސާފުކުރަން ބޭނުންކުރާ ދިޔާ އޯމޯއަކުން ދޮންނައިރު ވަށައިގެންވާ ފާރާއި ބިންމަތީގެ ޓައިލްސް ވެސް އުނގުޅައި ސާފުކުރުމަށް ފަހު ހޫނުފެނުން ދޮވެލުމަކީ ވަރަށް ރަނގަޅު ގޮތެކެވެ. އަފި ފާޚާނަ ތަށީގެ މަތިގަނޑާއި، އެތެރެއާއި އަދި ބޭރު ވެސް ރަނގަޅަށް އުގުޅައި ދޮވެ ސާފު ކުރަންވާނެ އެވެ.

ބަދިގެ ތެރެ

މާގިނަ ވަގުތު ހޭދަނުކޮށް ބަދިގޭގެ މުހިންމު ގިނަ ތަންތަން އެއްފަހަރާ ސާފުކޮށްލުމަކީ ވެސް ހޮނިހިރު ދުވަހު ކުރެވިދާނެ މުހިންމު ކަމެކެވެ. އުނދުނާއި، މައިކްރޯވޭވް އަދި ފްރިޖް ތެރެ ސާފުކޮށްލުމަކީ ބަދިގޭގެ ސާފުތާހިރުކަމަށް މުހިންމު ކަމެކެވެ. ބަދިގޭގައި ހުންނަ ކާތަކެތީގެ މުއްދަތު ހަމާ ތާރީޚް ބަލައި ދުވަސް ހަމަވެފައިވާ ކާތަކެތި އުކާލުމަކީ ދުވަސް ހަމަވެފައިވާ ކާއެއްޗެއް ކެވިގެން ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަވަސް އަވަހަށް ހުޅުވާލައްޕާ ތަންތަން ސާފުކުރުމަކީ މުހިންމު ކަމެއް: ވަތްގަނޑު ހުޅުވާހެދުމުގެ ސަބަބުން ޖަރާސީމާއި، ކިލާ އަދި ތެޔޮފަދަ ތަކެތި ހަރުލާނެ

ހޮނިހިރު ދުވަހުކުރާ އެންމެފަހު ސާފުކުރުމަކަށް މުޅިގެ އެއްކޮށް ކުނިކަހާ މޮޕްލުމަކީ އެހަފްތާ ވަރަށް ހިތްހަމަޖެހިގެން ފެށިގެން ދާނެ ކަމެކެވެ.