އއ.މާޅޮހުގައި ބޮޑެތި ޒަހަމްތަކެއް ދީ މަރާލި އެރަށު އޯކިޑްމާގެ، އަބްދުލް ރަހުމާން އާދަމް (65 އ.) މަރާލާފައި އޮތީ ބޮލަށް ހަމަލާދީގެންކަމަށް އެރަށުގެ މީހުން ބުނެފި އެވެ.
ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1:50 ހާއިރު އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހަމަލާދީފައި ވަނީ ބޮލަށް ކަމަށާއި ހަމަލާ ދީފައިވަނީ ލަކުޑި ނުވަތަ ދަގަނޑުބުރިއަކުން ކަމަށް ބެލެވޭ ކަމަށެވެ.
އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ރަށުގެ ސިއްހީ މަރުކަޒަށް އެންގީ އޭނާގެ އަންހެނުންނެވެ. ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މަރުވި މީހާގެ އަނބިމީހާ އަކީ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓަކަށް އުޅޭ މީހެކެވެ. އަދި ގޭގައި ދިރިއުޅެނީ އެ ދެމަފިރިން ކަމަށްވާއިރު، މި ދެމަފިރިންގެ ދެ ކުދިން ވެސް އުޅެނީ މާލޭގަ އެވެ.
މާޅޮހުން ވާހަކަ ދެއްކި މީހާ ބުނީ ލޯ ވެސް ހުރީ ވަރަށް ބޮޑަށް ދުޅަވެފައި ހުރި ކަމަށާއި، ލޯ މަތީގައި ވަރަށް ބާރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށެވެ.
"ކަރުގައި ތޫނު އެއްޗަކުން ހަމަލަދީފައިވާ ކަމުގެ ހެކި ހުރި ކަމަށް ވެސް ރަށުތެރޭގައި ކިޔާ އެބަ. ބޮލުގެ ހަތަރު ތަނަކަށް ހަމަލަދީފައި ހުރި،" އެމީހާ ބުންޏެވެ.
ފުލުހުން މި މައްސަލާގެ ތަހުގީގު ފަށާފައިވާއިރު، މައުލޫމާތު ލިބޭ ގޮތުގައި އެ ރަށަށް އަރައި ފައިބާ މީހުން މޮނީޓާ ކުރަން ފަށައިފަ އެވެ.
މި ރަށަކީ ދުވަހަކު ވެސް މިފަދަ ޖަރީމާތައް ހިންގި ރަށެއް ނުވާތީ ލިބުނީ ބޮޑު ޝޮކެއް ކަމަށާއި، އެހެންވެ މިފަދަ ކަމެއް ކޮށްފާނެ ކަމަށް ތުހުމަތުވާ މީހަކު ވެސް ނެތް ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.