އއ. މާޅޮހުގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމްގެ އަންހުންގެ ފޯނު ތަހުގީގުގެ ބޭނުމަށް ހިފަހައްޓައިފި އެވެ.

އެނގިފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހަވީރު ވަނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ހިފަހައްޓާފަ އެވެ.

އަބްދުއްރަހްމާންގެ މަރުގެ ހަގީގަތް ހޯދަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމަކުން އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް އެރަށުގެ ގިނަ ބަޔަކާ ވަނީ ސުވާލުކޮށްފައެވެ.

އޭނާ މާރާލީ މި މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. ގޭގެ އެހެން ކޮޓަރިއެއްގައި ހުރި އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާ އަބްދުއްރަހްމާން އޮތް ކޮޓަރިއަށް ވަނީ އޭނާ މަރަށް ތެޅޭ އަޑު އިވުވިގެނެވެ. އޭނާ މަރުވީ މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެކި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކި ވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

"މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.