އާއްމުކޮށް ކާ ވަރަށް ވުރެ އިތުރަށް ކެއުމާއެކު ކަސްރަތު ނުކުރާނަމަ ރާސްލާފައި ބަރުދަން މައްޗަށް އަރައިގެން ދެ އެވެ. ނަމަވެސް އޭގެ އިތުރުން ވެސް ބަރުދަން އިތުރުވުމަށް މެދުވެރިވާ ސަބަބުތައް ހުރެ އެވެ.
އޭގެ ތެރޭގައި:
އުމުރާ ގުޅުންހުރި ސަބަބުތައް
އުމުރު މައްޗަށް ދާވަރަކަށް އުމުރާއި ގުޅޭ ބަދަލުތައް ހަށިގަނޑަށް އާދެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މަސަލް ލޮސްވުމެވެ. އެގޮތުން އުމުރުން ދޮށިވާން ފެށުމުން އަހަރެއްގެ މައްޗަށް މަސަލް މާސްގެ 1% ދެ އެވެ. އެހެންކަމުން މީހާގެ މެޓަބޮލިޒަމްއަށް އަސަރުކުރެ އެވެ.
ކަންކަމާ މާބޮޑަށް ފިކުރުބޮޑުވުން
އުމުރުން މަތިވާ ވަރަކަށް ސްޓްރެސްވުން އިތުރުވެ އެވެ. އެގޮތުން މާބޮޑަށް ސްޓްރެސް ވާނަމަ ސްޓްރެސް ހޯމޯން ކޯޓިސޯލް ހަށިގަނޑުގައި އިތުރުވެ އެވެ. އަދި ކޯޓިސޯލްގެ ސަބަބުން ގިނައިން ކާހިތްވެ އެވެ.
ނިދި ހަމަނުވުން
ހަމަނިދި ނުލިބޭނަމަ ހޯމޯނަށް އަންނަ ބަދަލާ ގުޅިގެން ގިނައިން ކެވޭގޮތް މެދުވެރިވެ އެވެ. އެ ގޮތުން ދުވާލެއްގެ މައްޗަށް 6 ގަޑިއިރަށް ވުރެ މަދުން ނިދި ލިބޭނަމަ ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ސިއްހީ އެކި ސަބަބުތަކާ ގުޅިގެން ބަރުދަން އިތުރުވުން
ސިއްހީ ބައެއް ސަބަބުތަކާ ގުޅިގެން ވެސް ބަރުދަން އިތުރުވުމަށް މެދުވެރިވެ އެވެ. އެގޮތުން ބައެއް ފަހަރު ހިތުގެ އެކި މައްސަލަތަކާއެކު މީހާގެ ހަށިގަނޑަށް ބަދަލުތައް އާދެ އެވެ. އަދި އޭގެ ސަބަބުން ފައި ދުޅަވުމާއި ވަރުބަލިވެ، އުނދަގޫތައް ވެސް ކުރިމަތިވެ އެވެ. މީގެ އިތުރުން ހަކުރުބަލި، ކިޑްނީ މައްސަލަ، ސްލީޕް އެޕްނިއާ އަދި ތައިރޮއިޑް މައްސަލަތަކަކީ ބަރުދަން އިތުރުވުމަށް މެދުވެރިވާ ބައެއް ސިއްހީ ހާލަތްތަކެވެ.
އެހެނިހެން ބައެއް ކަންކަން
މަތީގައިވާ ކަންކަމުގެ އިތުރުން ބަރުދަން އިތުރުވުމަށް މަގުފައިވާ ކަންކަމުގެ ތެރޭގައި ރޭގަނޑު ލަސްކޮށް ކެއުން ހިމެނެ އެވެ. ހަވާޑްގައި ކުރި ދިރާސާއަކުން ދައްކާ ގޮތުން ރޭގަނޑު ލަސްކޮށްފައި ކެއުމުން ދުވާލު ބަނޑުހައިވާ މިންވަރު އިތުރުވެ އެވެ. އަދި މެޓަބޮލިޒަމް ލަސްވެ، ބޮޑީ ފެޓް އިތުރުވެ އެވެ.