އއ. މާޅޮހުގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް މިދިޔަ ހީމަ ދުވަހު ފޮނުވާލުމަށްފަހު ހަށިގަނޑު އަނބުރާ މާލެ ގެނައީ ރޭގަ އެވެ. ފުލުހުން ބުނީ ޕޯސްޓްމޯޓަމަށްފަހު އަބްދުއްރަހުމާންގެ ހަށިގަނޑު މޯޗަރީއަށް ލާފައިވަނީ ރޭ 19:50 ހާއިރުކަމަށެވެ.

އަބްދުއްރަހުމާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައާވުން އާސަހަރާ މިސްކިތުގަ އެވެ.

ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އަބްދުއްރަހުމާން މަރުވީ އެރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެރޭ ދަންވަރު 1:50 ހާއިރު އެވެ.

އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ރަށުގެ ސިއްހީ މަރުކަޒަށް އެންގީ އޭނާގެ އަންހެނުންނެވެ. ފުލުހުން މި މައްސަލާގެ ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރައި ފައިބާ މީހުން ވެސް މި މައްސަލައާ ގުޅިގެމް މޮނީޓާ ކުރި އެވެ.