ދައުލަތުން ޝަރުއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެ، ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބާތިލުކޮށްފި އެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހައިކޯޓުގައި އޮތް މި މައްސަލަ ބެލި ފަނޑިޔާރުން ކަމަށްވާ ހަސަން ޝަފީއުއާއި އަބްދުލްމާނިއު ހުސެއިންގެ އަޣުލަބިއްޔަތުން ބާތިލުކުރިއިރު، މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަނީ ގައުމީ ސަލާމަތަށް ބަލައި، އާއްމުކޮށް ހުޅުވައިނުލަ އެވެ.

މައްސަލައާމެދު ގޮތެއް ނިންމަން ޖެހޭކަމަށް މި މައްސަލައިގެ ބެންޗުގައި ދެން ހިމެނޭ މުހައްމަދު ޝަނީޒް އަބްދުﷲ ރައުޔު ދެއްވި ނަމަވެސް، ފަނޑިޔާރު ޝަނީޒުވެސް ވަނީ ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނީ އިސްތިއުނާފުގެ ނަޒާހަތްތެރިކަމަށް ބުރޫ އެރުމާއި، އިސްތިއުނާފުގެ ސްޓޭންޑް ސާފު ނުވުމާއި ކޯޓުގެ ވަސީލަތްތައް ހެޔޮތުގައި ބޭނުން ނުކުރެވި ދިޔުމުގެ އިތުރުން ޝަރުއީ ނިންމުންތަކުގެ އިތުބާރު ގެއްލި، އިހުތިރާމް ކުޑަވުން ފަދަ އިސްތިއުނާފަށް އިސްތިއުނާފަށް އަސަރުކުރާ ގިނަ ކަންކަން ހުރި ކަމަށެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ނިންމުމާ ގުޅިގެން އެ އޮފިސަރުންގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމީ ހަތް އޮފިސަރެކެވެ. އެއީ:

1- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

2- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު

3- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު

4- ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް

5- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

6- އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ

7- ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

މީގެ ތެރެއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި ފަރުހާދު ފިކުރީ އާއި އަހްމަދު ޝުހާދު ބައިވެރިއެއް ނުވެ އެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ ދައުވާކުރި ފަސް އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން އޮންނަ ކަމަށެވެ. މިއާއެކު ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.