ރާއްޖޭގައި އޮޕަރޭޓްކުރާ އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ މުއްދަތު އާކޮށްފި އެވެ.

މާލޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ވިދާޅުވީ އެއްބަސްވުން އާ ކުރީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.

"އެ އުޅަނދުތައް ބޭނުން ކުރުމަށް ހަދާފައި އޮތް އެއްބަސްވުންތައް ވަނީ އާކޮށްފައި. އަދި އެ ތަކެތި ދަނީ ބޭނުން ކުރަމުން ދިވެހި ސަރުކާރުން އެދޭ ގޮތަކަށް،" ވިކްރާމް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން އުޅެނީ މިކަން ސިއްރުކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިދިޔަ އަހަރުގެ މެއި މަހު މެންބަރަކު ވަނީ ހެލިކޮޕްޓްރުގެ އެއްބަސްވުން އާކުރިތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެ ސުވާލަށް ޖަވާބު ނުދެއްވަ އެވެ.

މި ސަރުކާރު ވެރިކަމަށް އަންނަން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ރާއްޖޭގައި އިންޑިއާގެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް ފާހަގަކުރި އެވެ. އެކަމަކު ވެރިކަމަށް ވަޑައިގެން އިންޑިއާއާ ގުޅުން ވަރުގަދަކުރީ އެވެ.