ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންއަށް ހަމަލާދިން މީހާއާ ދެކޮޅަށް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށް މުމްބައީ ފުލުހުން ބުނެފި އެވެ.

ޖެނުއަރީ 16 ވަނަ ދުވަހު ރޭ މެންދަމުގެ ވަގުތެއްގައި ސައިފް އާއި ކަރީނާ އަދި ދަރިން އުޅޭ ގެއަށް ވަދެ ސައިފަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ސާރިފުލް އިސްލާމް ކިޔާ ބަންގްލަދޭޝް މީހެކެވެ.

އެ މައްސަލައިގައި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިއްޔެ މުމްބާއީ ކޯޓްގައި ކުރިއަށް ދިޔަ މައްސަލައިގައި އޭނާ އަށް ބެއިލް ނުދިނުމަށް ވަނީ ނިންމާފަ އެވެ.

މުމްބާއީ ފުލުހުން ކޯޓްގައި ބުނީ ސާރިފުލް އިސްލާމްގެ އަތުން ފެނުނު ހަތިޔާރާއި ސައިފަށް ހަމަލާ ދިން ހަތިޔާރުގެ ބައިތަކާ ގުޅޭ ކަމަށެވެ. ސާރިފުލް ސައިފަށް ހަމަލާދޭން ބޭނުންކޮށްފައި ވަނީ ވަޅިއެކެވެ.

މުމްބާއީގެ ބަންޑްރާގައި ސައިފްމެން ދިރިއުޅޭ 12 ވަނަ ފްލޯގައި ހުންނަ އެޕާޓްމެންޓަށް އެމީހާ ވަދެ، ސައިފްގެ ގަޔަށް އެތައް ފަހަރަކު ވަޅިން ހަމަލާދީފައިވެ އެވެ. ލިބުނު ޒަހަމްތަކާ ގުޅިގެން ސައިފުގެ ސާޖަރީތަކެއް ވެސް ހަދަން ޖެހުނެވެ. އޭގެ ތެރެއިން މައިބަދައިގެ ކައިރިއަށް ވަޅި ހެރުމުން ލިބުނު ޒަހަމްގެ ސަބަބުން ހާއްސަ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.