ފްރާންސުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަން ނިންމާފައިވާކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ހާމަކުރައްވައިފި އެވެ.

މެކްރޯން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ ޖެނެރަލް އެސެމްބްލީގައި މި ނިންމުން ރަސްމީކޮށް ހާމަކުރާނެ ކަމަށާއި، މިވަގުތަށް އެންމެ މުހިންމު ކަމަކީ ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމު ހުއްޓާލާ، ޣައްޒާގެ ރައްޔިތުން ސަލާމަތްކުރެވުން ކަމަށެވެ.

ފްރާންސަކީ މިވަގުތު ހުޅަނގުގައި އޮތް އެންމެ ބޮޑު ބާރަށް ވާއިރު، މި ނިންމުމުގެ ސަބަބުން މިހާރު އޮތް ވަރަށް ވުރެ ބޮޑަށް އިޒްރޭލަށް ޕްރެޝަރު ބޮޑުވެގެންދާނެ އެވެ. ފްރާންސް ގެ މި ނިންމުމާ އެކު އެހެން ގައުމުތަކުން ވެސް ފަލަސްތީނު ބަލައިގަންނާނެ ކަމަށް ބެލެވޭއިރު، މިހާރުވެސް ހުޅަނގުގެ ގައުމުތައް ހިމެނޭހެން 140 އަށް ވުރެ ގިނަ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެވެ.

މި ނިންމުން އިޒްރޭލުން ކުށްވެރިކޮށްފައިވާއިރު، ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ މެކްރޯންގެ މި ނިންމުމާ އެކު ފަލަސްތީނުގެ ކައިރީގައި އިޒްރޭލަށް އަމާން ކަމާ އެކު ނޫޅެވޭނެ ކަމަށް ބުނެފަ އެވެ. އޭނާގެ އިތުރުން ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއިން ވެސް ވަނީ މިކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ނެތަންޔާހޫ މިފަދައިން ބުނި ނަމަވެސް، ފަލަސްތީނގެ ދައުލަތް ބަލައިގަތް ކަމުގެ ސިޓީ، އެގައުމުގެ ރައީސް މަހްމޫދް އައްބާސްއަށް އެރުވުމުން އެބޭފުޅާ ވަނީ މި ނިންމުމަށް މަރުހަވާ ދަންނަވާފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔަހޫދީން ފެށި މި ލާއިންސާނީ ހަމަލާތަކަށް އޭރު ފްރާންސުންވެސް ވާގިވެރިވި ނަމަވެސް، ފަހަކަށް އައިސް ފްރާންސުން ވަނީ ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން އަދި އިޒްރޭލުގެ އަނިޔާވެރި އަމަލު ތަކާ ގުޅިގެން ނުރުހުން ފާޅުކޮށް އެކި އެކި އިންޒާރުތައް ވެސް ދީފަ އެވެ.