ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ޒަރީން ޚާން ހުސްހަށިބައި ކޮށް ހުންނާތީ އަމާޒުވާ ފާޑުކިޔުންތަކަށް ހޫނު ރައްދެއް ދީފި އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ޒަރީން ވަނީ އޭނާގެ އުމުރާއި ޒާތީ ދިރިއުޅުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި މީހުން ކުރާ މަލާމާތަށް ޖަވާބުދީފަ އެވެ.
ޒަރީން އެ ފާޑުކިޔުންތަކަށް ރައްދު ދީފައިވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ކައިވެނި ކުރުމަށާއި ތިހެންހުރެ މުސްކުޅި ވަނީ ކަމަށް ބުނެ މީހަކު ކުރި ކޮމެންޓަކަށް ޖަވާބު ދެމުންނެވެ.
ޒަރީން ބުނެފައިވަނީ އިންޑިއާގެ މުޖުތަމައުގައި ކައިވެންޏަކީ ހުރިހާ ކަމެއްގެ ހައްލު ކަމަށް ގަބޫލު ކުރެވިފައި އޮންނަ ކަމަށާއި އެހެން ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ.
އެއާއެކު ދިރިއުޅުމުގައި ދިމާވާ މައްސަލަތަކުގެ ހައްލަކަށް ކައިވެނި ކުރާނަމަ އެކަމުން ދިގު މުއްދަތުގައި ގެއްލުން ލިބޭ ކަމަށް ވެސް ޒަރީން ފާހަގަކުރި އެވެ.
މިހާރު އުމުރުން 38 އަހަރުގެ ޒަރީން 40ގެ އަހަރުތަކާ ކުރިމަތިލާއިރު މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ވިޔަފާރިވެރިއަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް އެ ގުޅުން ވަނީ މިދިޔަ އަހަރު ނިމިފަ އެވެ.
ޒަރީން އާއްމުންގެ މަަގުބޫލުކަން އެންމެ ބޮޑަށް ހޯދާފައިވަނީ ސަލްމާންއާއެކު އޭނާ ފެނިގެންދިޔަ ފިލްމު "ވީރް" އިންނެވެ. އެ ފިލްމުގައި އޭނާގެ ރީތިކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.