މި މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސައްޔާރާ" އަންނަނީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީތަކެއް ހޯދަމުންނެވެ.
އެގޮތުން އެންމެ ފަހުން އެ ފިލްމުން މިވަނީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް ތަރި ކަމަށްވާ ޝާހްރުކް ޚާންގެ އެންމެ ކާމިޔާބު ފިލްމު ވެސް ފަހަތަށް ޖައްސާލާފަ އެވެ.
"ސައްޔާރާ" ރިލީޒް ކޮށްގެން މިވީ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި އެ ފިލްމުން ވަނީ 247.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފަ އެވެ.
މިއީ މިހާތަނަށް ނެރުނު ޝާހްރުކް ޚާންގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމު ކަމަށްވާ 2013 ވަނަ އަހަރު ރިލީޒްކުރި "ޗެންނާއީ އެކްސްޕްރެސް"އަށް ލިބުނު އާމްދަނީއަށްވުރެ ވެސް ބޮޑު އާމްދަނީ އެކެވެ. "ޗެންނާއީ އެކްސްޕްރެސް"އަށް ލިބުނީ 227 ކްރޯޑް ރުޕީސް އެވެ.
"ސައްޔާރާ" އަދިވެސް ސިނަމާތަކުގައި ދައްކަމުން ދާއިރު ކުރިއަށް އޮތް ދުވަސް ތަކުގައި އެ ފިލްމަށް އަދިވެސް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
އަހާން ޕާންޑޭއާއި އަނީތު ޕައްޑާ ލީޑު ރޯލުތަކުން ފެނިގެންދާ "ސައްޔާރާ"އަށް ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ފަރާތުން ވެސް ތައުރީފު އަންނަނީ ލިބެމުންނެވެ.