ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މިއަދު މަރާލައިފި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. މި މާރާމާރީގައި ކަރަށް ވަޅި ޖަހާ، ލިބުނު ޒަޚަމްތަކުގައި މަރުވެފައި ވަނީ އެ ރަށު އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް ކަމަށް "ހުރިހާ"އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މާށުގައި އެ ހާދިސާ ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:12 ކަންހާއިރުގައި ކަމަށާއި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުގައި ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ހަމަލާދިނުމަށްފަހު، ހަމަލާދިން މީހާ ވަނީ ވަނީ އަމިއްލައަށް ފުލުސް ސްޓޭޝަނަށް ގޮސް ހައްޔަރުވެފައެވެ.
މި މާރާމާރީ ހިނގީ މިއަދު 10:00 ޖަހާކަންހާއިރު އެ ރަށު ވޮލީ ކޯޓް ސަރަހައްދުގައި އެވެ. މޫސާ އިބްރާހީމަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ 10:22 ހާއިރު ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ހާދިސާގެ މަންޒަރު ދުށް މީހަކު "ހުރިހާ" އަށް ބުނީ، މޫސާ އިބްރާހިމަށް ހަމަލާ ދީފައި ވަނީ ނޭނގި ހުއްޓައި ފަހަތުން ގޮސް ކަރަށް ވަޅި ހަރާލީ ކަމަށެވެ.
މޫސާ އިބްރާހިމް އަށް ހަމަލާ ދިން މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ. އެއީ މާވަށު މީހެއް ނޫނެވެ. އަދި އެ ސައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.