ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ތަމްސީލުކުރާ މައި ޕާޓީ އެމްޑީޕީ ބަލިވުމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެންޓިލޭޓަރު ކޮރަޕްޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެކޮޅު ހައްދަވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެންޓިލޭޓަރު ކޮރަޕްޝަންގެ ވާހަކަ ފުރަތަމަ ދެއްކެވީ ރައީސް ސޯލިހު އެވެ. އެ މަނިކުފާނު ވެންޓިލޭޓަރު ކޮރަަޕްޝަނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާ ގުޅިގެން ނޫސްވެރިން ސުވާލުކުރުން ވަނީ ޖަވާބު ދެއްވަން ދެކޮޅު ހަދައިފަ އެވެ.

ވެންޓިލޭޓަރުގެ ކޮރަޕްޝަން ރައީސް ސިފަކުރެއްވީ އެމްޑީޕީއިން އިންތިހާބުގައި ބަލިވި ސަބަބެއް ކަމަށެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ 10 ވަރަކަަށް މަސް ދުވަސްވީ އިރުވެސް އެ ކޮރަޕްޝަންގެ މައްސަލައަށް ގޮތެއް ނުމިފައި ނެތުމަކީ ކަންބޮނޑުވުމެއް ކަމަށެވެ.

"އެމްޑީޕީގެ ސަޕޯޓަރުން ކޮރަޕްޝަނާ ދެކޮޅުވާނެ. އެނގިވަޑައިގަންނަވާނެ އެއީ އެމްޑީޕީ ސަޕޯޓަރުން މަޔޫސްވާކަމެއްކަން ހިތްހަމަނުޖެހޭ ކަމެއްކަން، ވެންޓިލޭޓަރު ކޮރަޕްޝަންގެ ނުބެލި ލަސްވުމުގެ ސަބަބުން އެމްޑީޕީއަށް ސަޕޯޓު ގެއްލުނު، އެ މައްސަލަ ބަލަން އިސްވެ ހުށަހެޅީ ވެސް ސަރުކާރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ނޫސްވެރިއަކު ވެންޓިލޭޓަރު މައްސަލައިގައި ސުވާލުކޮށްފަ އެވެ. އެއިން އެއްވެސް ސުވާލަކަށް ޖަވާބު ނުދިން ނަމަވަވެސް ރައީސް ވަނީ އެހެން ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ. އެގޮތުން ހިޔާ ފްލެޓާ ގުޅިގެން ކުރެވުނު ސުވާލާއި، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބޭ ތިބުމަށް ގުޅޭ ގޮތުން ކުރި ސުވާލެއްގެ އިތުރުން ކުރީގެ ރައީސް އަބްުދުﷲ ޔާމީންއާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ވެސް އެމަނިކުފާނު ވަނީ ޖަވާބު ދެއްވައިފަ އެވެ.

ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމާ ގުޅިގެން ހިނގި ކޮރަޕްޝަނަކީ މި ސަރުކާރުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަނެވެ. ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ރައީސް ސޯލިހު އާއި މައްސަލަ ޖެހިވަޑައިގެން އުޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކޮށް ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވުމުން ތިން ފަހަރު މަތިން ފޮނުވުމުން ވެސް ދައުވާނުުކުރަން ވަނީ ނިންމައިފަ އެވެ.