ފްރާންސްގެ އާޓް ގެލަރީއެއްގައި ބަހައްޓާފައިހުރި އާޓިސްޓް މައުރިޒޯ ކެޓަލަންގެ ހަ މިލިއަން ޑޮލަރުގެ އަގުބޮޑު އާޓް މަސައްކަތް އެ ގެލަރީއަށް ދިޔަ މީހަކު ކާލައިފި އެވެ.

ފާރެއްގައި ޓޭޕެއް ބޭޭނުން ކޮށްގެން ތަތްކޮށްފައިވާ ދޮންކޭލެއް ފެންނަ "ދަ ކޮމީޑިއަން" އާޓްވޯކްގެ ދޮންކެޔޮ ކާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެ ގެލަރީއަށް ޒިއާރަތްކުރި މީހެކެވެ.

އެމީހާ ދޮންކެޔޮ ނައްޓާލައި ވަގުތުން ކާލުމާއެކު ގެލަރީގެ ސެކިއުރިޓީ ޓީމުން ވަނީ އަވަހަށް ފިޔަވަޅު އަޅައި އެހެން ދޮންކޭލެއް އެ ތަނުގައި ތަތްކޮށްފަ އެވެ.

އެ ހާދިސާގެ ފަހުން އެ ގެލަރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެޓަލަންގެ އާޓް މަސައްކަތުގައި ހިމެނޭ ދޮންކޭލަކީ ފަނަވާ އެއްޗެއް ކަމަށާއި އެއީ ގަވާއިދުން ބަދަލުކުރާ އެއްޗެއް ކަމަށެވެ.

ބަލާބެލުމަށް ވަރަށް އާދައިގެ އެހެން ނަމަވެސް ހަ މިލިއަން ޑޮލަރުގެ އަގުބޮޑު އެ މަސައްކަތުން ދައްކުވައިދެނީ އާޓް ދާއިރާގެ ފަނާ ކުރުވަނިވި އާދަކާދަ ކަމަށް ކެޓަލަން ބުނެފައިވެ އެވެ.

މިއީ މި ދޮންކެޔޮ މީހަކު ކާލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2019 ވަނަ އަހަރު ފްލޮރިޑާގައި ބޭއްވި އާޓް ފެއާއެއްގެ ތެރެއިން ވެސް މީހަކު ވަނީ އެ މަސައްކަތުގައި ހިމެނޭ ދޮންކެޔޮ ކާލާފަ އެވެ. އެހެން ދޮންކޭލަކާއެކު އެ ފެއާގެ ތެރެއިން 120،000 ޑޮލަރަށް އެ މަސައްކަތް ވިކިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އޭގެ ފަހުން 2023 ވަނަ އަހަރު ވެސް ދެކުނު ކޮރެއާގެ ސިއޯލްގައި އެ މަސައްކަތް ދައްކާލަން ބަހައްޓާފައި ހުއްޓާ ދަރިވަރަކު ވެސް އެ ދޮންކެޔޮ ކާލާފައިވެ އެވެ.

2024 ވަނަ އަހަރު ބޭއްވި އާޓް ނީލަމެއްގައި ޗައިނާގެ އާޓް ކަލެކްޓަރެއް ވަނީ 6.24 މިލިއަން ޑޮލަރަށް އެ ތަފާތު މަސައްކަތް ގަނެފަ އެވެ.