ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުން ހިމެނޭ "90 ގްލޯބަލް ވުމަން" ލިސްޓުގައި ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯން ހިމެނިއްޖެ އެވެ.
"ދަ ޝިފްޓް"އިން އާއްމު ކޮށްފައިވާ އެ ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކޮށްލެވޭ އަންހެނުން ހިމެނިފައިވާއިރު އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި މުނިފޫހި ފިލުވުމުގެ ދާއިރާގެ ފަންނާނުން ވެސް ހިމެނެ އެވެ.
އެގޮތުން ދީޕިކާގެ އިތުރުން އެ ލިސްޓުގައި އިނގިރޭސި ފަންނާނުން ކަމަށްވާ ސެލީނާ ގޯމޭޒް، އެންޖެލީނާ ޖޯލީ، ބިލީ އެއިލިޝް، އަމާލް ކްލޫނީ އަދި ޒޯޔާ އަޚްތަރު ވެސް ހިމެނެ އެވެ.
މި ލިސްޓުގައި ހިމެނޭ އަންހެނުންނަކީ އެ މީހުންގެ މަސައްކަތްތައް މެދުވެރިކޮށް މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ މީހުން ކަމަށް ދަ ޝިފްޓް އިން ބުނެފައިވެ އެވެ.
މިކަމާ ބެހޭގޮތުން ދީޕިކާ އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ފަދަ ފަހުރެއް ލިބުމަކީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށެވެ.
2007 ވަނަ އަހަރު ބޮލީވުޑްއަށް ތައާރަފްވި ދީޕިކާއަކީ ކާމިޔާބު ފިލްމުތަކެއް ކުޅުމުގެ އިތުރުން ވިޔަފާރިއާއި އިޖުތިމާއީ ގިނަ މަސައްކަތްތަކެއްގައި ވެސް އުޅޭ ފަންނާނެކެވެ.