ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ މި އަހަރު ބޮޑު ކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މި އަހަރުގެ "މެދު މުރާޖައާ" ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާދާއިރާއެއްގައި ކަމާ ގުޅޭ މުއައްސަސާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް ނާސިހު ވިދާޅުވި އެވެ.

އޭނާ އެފަދައިން ވިދާޅުވި އިރު، ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ސީއެސްސީގެ ރައީސް ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ޕޭކޮމިޝަނުން އެކިއެކި މިނިސްޓްރީތަކާ ވެސް މިހާރު ބައްދަލުކުރަމުން އަންނަ ކަމަށެވެ.

މުސާރަ ބޮޑުކުރުމާ ގުޅުވައިގެން ނާސިހު ވިދާޅުވީ، ޑިއުޓީގައި ކުރަންޖެހޭ މަސައްކަތްތަކަށް ސިވިލް ސާވަންޓުން އިސްކަންދޭން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ވީހާ ވެސް ގިނައިން އޮފީހުގައި ވަގުތު ހޭދަކުރުން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރަސްމީ ގަޑީގައި މަސައްކަތް ނުކޮށް، އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައި ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ކުރުން އެހާ ރަނގަޅު ނޫން ކަމަށެވެ.

ސިވިލް ސާވިސްގައި މި ވަގުތު 30،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާ އެވެ.