ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އާމިރު ޚާންގެ ގޭގައި އިންޑިއާގެ މުމްބާއީ ޕޮލިސްގައި ވަޒީފާ އަދާކުރާ ގިނަ ފުލުހުންތަކަކަށް ޖާފަތެއް ދީފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މުމްބާއީ ޕޮލިސްގެ 25 ފުހުލުންނަށް އާމިރު ޖާފަތެއް ދީފައިވަނީ ބެންޑްރާގައި ހުންނަ އޭނާގެ ގޭގަ އެވެ.

އާމިރުއާ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި އެ ޖާފަތުގައި ބައިވެރިވެފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅި ތަމްރީން ފުރިހަމަ ކުރަމުން އަންނަ ބެޗްގެ ފުލުހުންތަކެކެވެ.

މީގެ ކުރިން ވެސް ފުލުހުންގެ އިދާރާއަށް އަލަށް ވަންނަ ފަރާތްތަކަށް އާމިރުގެ ގޭގައި އެތައް ފަހަރެއްގެ މަތިން މިފަދަ ޖާފަތްތައް ދީފައިވެ އެވެ.

"1999 ވަނަ އަހަރު ނެރުނު އާމިރުގެ ފިލްމު "ސަރްފަރޯޝް"ގެ ފަހުން އޭނާއާ ބައްދަލުކުރަން ފުލުހުންނާ އަލަށް ގުޅޭ ޒުވާނުން ވަރަށް ގިނައިން އެދޭ. އެގޮތުގެ މަތިން މި ޖާފަތްތައް ބާއްވަނީ" އެ ފަރާތުން ބުންޏެވެ.

އާމިރުގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ސިތާރޭ ޒަމީން ޕަރް" އިންނެވެ.