1990ގެ އަހަރުތަކުގައި ޗައިލްޑް އެކްޓަރެއްގެ ގޮތުގައި ހޮލީވުޑަށް ތައާރަފްވި ލިންޑްސީ ލޯހަންގެ ހަޔާތުގެ ބޮޑުބައެއް އޭނާ ހޭދަކުރީ ހޮލީވުޑްގެ މަސައްކަތްތަކުގަ އެވެ.

އެހެން ނަމަވެސް އެ ދާއިރާއާ ދުރުވެ އާއިލާއާއެކު ދުބާއީގައި އޭނާ ދިރިއުޅެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެދާނެ އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލިންޑްސީ ވަނީ ދުބާއީގައި ދިރިއުޅުމުގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.

ލިންޑްސީ ބުނީ ހޮލީވުޑްއާ ދުރުގައި އޭނާ އުޅެމުން އަންނަނީ ވަރަށް އާދައިގެ ދިރިއުޅުމެއް ކަމަށާއި މީޑިއާގެ ސަމާލުކަން ލިބިދާނެތީ ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.

އެއާއެކު ދުބާއީއަކީ ދިރިއުޅެން ވަރަށް އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރަމުން ލިންޑްސީ ބުނެފައިވަނީ ހުއްދައާ ނުލާ މީހެއްގެ ފޮޓޯއެއް ވެސް ނެގުމަކީ ދުބާއީގައި މަނާ ކަމެއް ކަމަށެވެ.

މިއާއެކުވެސް އެމެރިކާގެ ނިއުޔޯކްގައި ލިބެން ހުންނަ ކަހަލަ ޕިއްޒާ ދުބާއީއިން ނުލިބޭ ކަމަށާއި އެއީ އެންމެ ހަނދާންވާ އެއް ކަންތައް ކަމަށް ލިންޑްސީ ބުންޏެވެ.

2022 ވަނަ އަހަރު ވިޔަފާރިވެރިޔާ ބަދެރް ޝައްމާސްއާ ކައިވެނިކުރި ލިންޑްސީއަށް އޭނާގެ އަލަތު ދަރިފުޅު ލިބުނީ ޖެހިގެން އައި އަހަރު އެވެ.