މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގައި އޭނާ ބޭނުންކުރި ކާރު ނީލަމުގައި ވިއްކާލަން އިއުލާން ކޮށްފި އެވެ.

2000ގެ ކުރީކޮޅު ބްރިޓްނީގެ ހަޔާތުގައި ކުރިމަތިވި އަޑިގުޑަންތަކުގައި އޭނާ ބޭނުން ކޮށްފައިވާ އެ ކާރަކީ މާސިޑީސް ބެންޒް ސީއެލްކޭ 350 މޮޑެލްގެ ކާރެކެވެ.

އެގޮތުން 2006 ވަނަ އަހަރު އެކި މައްސަލަތަކުގައި ބްރިޓްނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނައިރު އޭނާ ގެންގުޅުނީ ވެސް އެ ކާރެވެ.

ހަބަރުތައް ބުނާ ގޮތުގައި މިހާތަނަށް އެ ކާރު ބާއްވާފައި އޮތީ އެމެރިކާގެ ދާރުލްއާސާރެއްގަ އެވެ. ވޯލޯ މިއުޒިއަމްގައި އެ ކާރު ބާއްވާފައި އޮތްއިރު އެތައް ހާސް ބަޔަކު ވަނީ އެ ކާރު ބަލާލަން ޒިއާރަތް ކޮށްފަ އެވެ.

މިހާރު ނީލަމުގައި ވިއްކާލަން އިއުލާން ކޮށްފައިވާ އެ ކާރުގެ ނީލަން އޮގަސްޓް މަހު ބާއްވާނެ ކަމަށް ބެލެވޭއިރު އޭގެ އަގު 70،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.

މަސްތުވާތަކެއްޗާއި އެ ނޫން ވެސް ކުށްތަކުގައި 2000ގެ އަހަރުތަކުގައި ބްރިޓްނީގެ ހަޔާތް ކުރިއަށްދިޔައިރު އޭނާ ވަނީ މި ކާރާއެކު ވަރަށް ގިނައިން ފެނިފަ އެވެ.