އުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމަށް ފަހު، އުމްރާއަށް ގެންދަން ދެކޮޅު ހެދި މައްސަލާގައި އަސްކޮއި ގުރޫޕު ޖޫރިމަނާކޮށް، އެ ގްރޫޕުގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ އަތުލައި އަސްކޮއި ޓްރެވެލް ސާވިސް އިން އުމްރާއަށް ނުގެންދިޔަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް ހޯދަން އަސްކޮއި ގްރޫޕުގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވިކަމުގެ ޝަކުވާތައް ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

އަސްކޮއިގެ ހަވާލުގައި މިދިޔަ ބުރާސްފަތި ދުވަހު އުމްރާއަށް ފުރަން ހަމަޖެއްސި މީހުންގެ ދަތުރު ފަހު ވަގުތު ކެންސަލްކުރީ ސައުދީއަށް މި ވަގުތު ދަތުރުކުރުން ރައްކާތެރި ނޫން ކަމާއި ގަލްފުގެ އުފެދިފައިވާ ހަމަނުޖެހުން މައިތިރިވުމުން ދަތުރުކުރުން ބޭނުންވާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން، އަސްކޮއިގެ އިސްވެރިޔާއާ ރަސްމީކޮށް ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބެއް ނުދެ އެވެ. އަދި އެ ކުންފުންޏަށް ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ވެސް ޖަވާބެއް ނުދެ އެވެ.

އެހެންވެ، އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް އަސްކޮއި ކުންފުނިން އަމަލުކޮށްފައިވާތީ ފިޔަވަޅު އަޅަން ނިންމީ ކަމަށް، ބަޔާނުގައި ވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސްކޮއި ގުރޫޕުން އުމްރާ ދަތުރު ފަސްކުރީ، ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށާއި ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރު ކުރަން ކުންފުނިން ބޭނުންވާ ކަމަށް ބުނެ ކަމަށެވެ.

ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ.

އަސްކޮއި ގްރޫޕަށް ފަސް ފިޔަވަޅެއް އަޅަން ވަނީ ނިންމައިފަ އެވެ. އެއީ

  • ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
  • ކުންފުނި ޖޫރިމަނާ ކުރުން
  • އަސްކޮއި ޓްރެވަލް ސާވިސް ލިމިޓެޑް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނުދިނުން
  • މި މަހުގެ އުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑު އަނބުރާ ހަވާލުކުރުމަށް އެންގުން
  • މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން

މިއީ، އަސްކޮއި ގްރޫޕާ ގުޅޭގޮތުން މި އަހަރު ހުށަހެޅި ދެ ވަނަ މައްސަލަ އެވެ.

އެންމެ ފުރަތަމަ މައްސަލަ ފެންމަތިވީ މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އެއް އާއިލާއެއްގެ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ލަނޑު ދިނުމުންނެވެ.

މި ފަހުން އެކަން ދިމާވީ 28 މީހެއްގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިއުމުންނެވެ. އެއިން ކޮންމެ މީހަކު ވަނީ 25،500ރ. ދައްކައިފަ އެވެ. އެއީ 714،000ރ. އެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އަސްކޮއި ގުރޫޕުން ލަނޑުދީފައިވާ ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އެކަން އެންގުމަށް ފުލުހުން ވެސް ވަނީ އެދިފަ އެވެ.