އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށްޓަކައި "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" ގެ ނަމުގައި އާ އިންޑެކްސެއް ތައާރަފް ކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިސަރުކާރު އައުމަށްފަހު ފާއިތުވެދިޔަ ދެ ރޯދަ މަހު ވެސް އާންމުންނަށް ދަތިނުވެ، އެކަށީގެންވާ އަގުގައި ކާބޯތަކެތި ލިބުނު ކަމަށެވެ.
މިއާއެކު އަގުތައް ކޮންޓްރޯލްކުރުމުގެ ގޮތުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ވަރަށް އަވަހަށް ތައާރަފް ކުރާ އިންޑެކްސްގެ ތެރެއިން އެންމެ މުހިންމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި އާންމުކުރާނެކަމަށެވެ.
މިއީ 162 އައިޓަމް ހިމަނައިގެން ތައާރަފް ކުރި އިންޑެކްސްއެއް ކަމަށާއި، އޭގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ 111 އައިޓަމަކާއި، މޭވާ އަދި ތަރުކާރީގެ 39 ބާވަތަކާއި، މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމާއި، ހަކަތައިގެ ބާވަތްތައް ހިމެނޭ ދެ އައިޓަމް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި އިންޑެކްސްގެ ތެރެއިން އާންމުކޮށް ގޭބީސީތަކުން މި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އެޅޭނެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުރިއަށް މިއޮތް ދެ ދުވަހެއްވަރު ތެރޭގައި އާންމުކުރާނަން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިހާރު ވެސް 'ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)' ބޭނުންކޮށްގެން ސްޓެޓިސްޓިކްސް ބިއުރޯއިން ތަކެތީގެ އަގުތައް އުފުލޭ މިންވަރު ދެނެގަންނައިރު، ސްޓެޓިސްޓިކްސް ބިއުރޯއިން އެންމެ ފަހުން މިދިޔަ ޖޫން މަހު އާއްމުކުރި ސީޕީއައި ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ އިންޕްލޭޝަން ހުރީ 3.76 ޕަސެންޓުގަ އެވެ.