ޖުލައި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި މޯހިތު ސޫރީ ޑައިރެކްޓް ކޮށްދިން "ސައްޔާރާ"އަކީ މިހާރު ބޮލީވުޑްގައި އަޅުވާ އެހެން ފިލްމުތަކާ މާ ބޮޑު ތަފާތެއް ހުންނާނެ ފިލްމެއް ކަމަކަށް ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ.

އެހެން ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފިލްމަށް ލިބުނު އާދަޔާ ޚިލާފު ތަރުހީބުގެ ސަބަބުން އެ ފިލްމުގައި ހާއްސަ ކަންތައްތަކެއް ހުރި ކަމަށް ގަބޫލު ކުރެވި ފިލްމު ބެލުމުގެ ޝައުގުވެރިކަން އުފެދުނެވެ.

ތަރިން

"ސައްޔާރާ"ގެ ލީޑު ރޯލުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭއާއި އަނީތު ޕައްޑާ އެވެ. އެ ދެތަރިންގެ ހުށައެޅުން ވެސް އާ ތަރިންތަކަކާ އަޅާބަލާއިރު ރަނގަޅު ކަމަށް ބުނެވިދާނެ އެވެ. ދެ ތަރިން ވެސް ވަނީ އެ ދެ ތަރިންގެ ރޯލަށް ފުރިހަމައަށް އިންސާފު ކޮށްދީފަ އެވެ.

ފިލްމުގެ ސަޕޯޓިން ރޯލުތަކުން ވެސް ފަރިތަ މޫނުތަކެއް ނުފެންނައިރު ސަޕޯޓިން ކެރެކްޓަރުންގެ ސްކްރީން ޓައިމް ވެސް ވަރަށް މަދުކަން ފާހަގަ ކުރެވެ އެވެ. މުޅި ފިލްމުން ވެސް ވިދާލަނީ އަހާންއާއި އަނީތު އެވެ.

ވާހަކަ

"ސައްޔާރާ"އަކީ ޒުވާން ލޯބީގެ ވާހަކަ އެކެވެ. އަރަމުން އަންނަ ލަވަކިޔުންތެރިއެއް ކަމަށްވާ ކްރިޝްއާއި މަޑުމައިތިރި މިޒާޖެއްގެ ޅެންވެރިއެއް ކަމަށްވާ ވާނީގެ މެދުގައި އުފެދޭ ލޯބި، ވާނީގެ ދިރިއުޅުމުގައި ކުރިމަތިވާ އިމްތިހާނެއްގެ ތެރެއިން ކުރިއަށް ދާ ގޮތް އެ ފިލްމުން ދައްކުވައިދެ އެވެ

. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ފިލްމުގެ ވާހަކައަކީ 2004 ވަނަ އަހަރު ނެރުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އަ މޮމެންޓް ޓު ރިމެމްބާ"ގެ ނަކަލެއް ކަމަށް ގިނަ ބަޔަކު ބުނެފައިވުމެވެ. ދެ ފިލްމުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ކަމަށް ބުނެވެ އެވެ.

މިއުޒިކް

ސްޕޮޓިފައިއާއި ޔޫޓިއުބް ފަދަ ސްޓްރީމިން ޕްލެޓްފޯމްތަކުގައި މިވަގުތު ރަސްކަން ކުރަމުން އަންނަނީ "ސައްޔާރާ"ގެ ލަވަތަކެވެ. ޓައިޓަލް ލަވައިގެ އިތުރުން ފިލްމުގައި ހިމެނޭ ހުރިހާ ލަވަތަކަކީ ވެސް ބެލުންތެރިންގެ ސަމާލުކަން ދަމައިގަންނަ ފަދަ ރިޕީޓްގައި އަޑުއަހާ ކަހަލަ ލަވަތަކެކެވެ.

މިއުޒިކްގެ އިތުރުން އެ ލަވަތަކުގެ ޅެންތަކަކީ ވެސް މާނަފުން ޅެންތަކެއް ކަމުން މިއުޒިކާއެކު ލަވަަތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.

ސިނަމެޓޮގްރަފީ

ފިލްމުގެ މަންޒަރުތައް ގެނެސްދިނުމުގައި ބެލުންތެރިންގެ ސަމާލުކަން ދަމައިގަންނަ ގޮތަށް މަންޒަރުތައް ޝޫޓް ކުރެވިފައިވެ އެވެ. އެއާއެކު ތަރިންގެ އިހުސާސްތަކާއި ޖަޒުބާތުތައް ވެސް ސިނަމެޓޮގްރަފީގެ ސަބަބުން އިތުރަށް ހާމަވެގެންދެ އެވެ.

ޖުމްލަކޮށް ބުނެވޭނީ.....

ޖުމްލަ ގޮތެއްގައި ބުނާނަމަ ބުނެވޭނީ "ސައްޔާރާ"އާއެކު ބޮލީވުޑަށް ތާޒާ ރަހަތަކެއް ގެނެސްދީފި ކަމުގަ އެވެ. ފަހުގެ ގިނަ ފިލްމުތަކާ އެކި ގޮތްގޮތުން މި ފިލްމު ތަފާތުވާއިރު އެ ފިލްމަށް ލިބެމުން އަންނަ އާދަޔާ ޚިލާފު ބޮޑު ތަރުހީބުގެ ސަބަބަކީ މިއީ އެވެ. ފިލްމު ބަލަން މާ ގިނަ ޓިޝޫއެއް ބޭނުމެއް ނުވި ނަމަވެސް ހިތަށް އަސަރު ކުރުވާފަދަ ކަންތައްތަކެއް ފެނެ އެވެ. އެހެން ކަމުން މިއީ ބަލާލަން ރަނގަޅު ޝައުގުވެރި ފިލްމެކެވެ.