އދ. އަތޮޅުގެ ފަރަކަށް ބޭރު ގައުމެއްގެ ޔޮޓެއް އެރުމުން 4.8 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެެޓް ލިމިޓެޑްގެ ލޯކަލް އޭޖެންޓް ކަމުގެ ދަށުން ރާއްޖެ އައިސްފައިވާ ޓެމްޕަލް މެރިން އެލްޓީޑީގެ "އެމްވައި ބިގް ފިޝް" (އައި އެމް އޯ: 399463) ނަމަކަށް ކިޔާ ޔޮޓް، އދ. އަތޮޅުގެ ފަރަކަށް މި އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހު އުރިފައިވާ ކަމަށެވެ.
އެ ޔޮޓް އޭޕްރީލް 29 ގައި ފަރުމަތިން ނަގާފައިވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މިދިޔަ ޖޫން މަހު އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު އެ ޔޮޓް ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް އީޕީއޭ އިން ކުރިއަށްގެންދިޔަ އެވެ.
އެ އުޅަނދު ފަރަށް އެރި ސަރަހައްދު ބެލި ބެލުމުން އެ ފަރުގެ 187 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެހެންކަމުން، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދަކީ 4.8 މިލިއަން ރުފިޔާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެ އުޅަނދުގެ ވެރިފަރާތް، ޓެމްޕަލް މެރިން އެލްޓީޑީ، މިދިޔަ ހޯމަ ދުވަހު ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާނެ ކަމަށެވެ.