ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން މިއަދު އިއުލާންކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނުގައި ވަނީ އަމިއްލަ ހަރަދުގައި ހޮޓަލެއް އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވާންޖެހޭނެ ކަމަށެވެ.

ރަޖިސްޓަރީވުމަށް ފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރ. ނުވަތަ 2،000 ޑޮލަރުގެ ފީއެއް ބުދަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ސިޓީ ހޮޓާ އަޅާނީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓަރީ ކުރި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަކީ ހައްޖު ކޯޕަރޭޝަންގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ޝިހާބެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި އެހެން ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

ހަލާލު ޓޫރިޒަމް ރާއްޖޭގައި ފަށާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.