ދުނިޔޭގެ އެންމެ ފުރަތަމަ ނިއުކްލިއާ ހަމަލާގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ "ހިރޯޝިމާ ބޮމްބިންގް" ހާދިސާގެ މައްޗަށް އާ ފިލްމެއް ހަދަން ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ކެމަރޫން ނިންމައިފި އެވެ.
ޖޭމްސް މިކަން އިއުލާން ކޮށްފައިވަނީ ހިރޯޝިމާގެ ހާދިސާއަށް 80 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
ޗާލްސް ޕެއްލެގްރީނޯގެ "ގޯސްޓްސް އޮފް ހިރޯޝީމާ" ވާހަކަ ފޮތް ތައާރަފް ކުރަމުން ޖޭމްސް ބުނީ އެ ވާހަކައަށް ފިލްމެއް ހަދަން ގަސްދުކުރާ ކަމަށާއި އެއީ "ޓައިޓޭނިކް"އަށްފަހު އޭނާ މަސައްކަތް ކުރާނެ އެންމެ ވަރުގަދަ ވާހަކަ ކަމަށެވެ.
އެގޮތުން އޭނާއަކީ ފެންވަރު ރަނގަޅު ވާހަކަތަކަށް ޝައުގުވެރިވާ މީހެއް ކަމަށާއި އޭނާގެ މަސައްކަތް ރަނގަޅަށް ކުރެވިއްޖެނަމަ ފިލްމުގެ ފުރަތަމަ 20 މިނެޓް ތެރޭގައި ވެސް މީހުން ސިނަމާތަކުން ނުކުންނަނަ ފަށާނެ ކަމަށް ވެސް ޖޭމްސް ބުންޏެވެ.
މި ފިލްމަކީ ފާއިތުވި 15 އަހަރު ތެރޭގައި ސައި ފައި ޖޯންރާއިން ބޭރުވެ ހަގީގީ ވާހަކައެއްގެ މައްޗަށް ޖޭމްސް ހަދާ ފުރަތަމަ ފިލްމުކަން ފާހަގަ ކޮށްލެވެ އެވެ.
2009 ވަނަ އަހަރު އެވެޓާ ރިލީޒްކުރި ފަހުން ޖޭމްސް މަސައްކަތް ކުރަމުން އައީ އެ ފްރެންޗައިޒްގެ ފިލްމުތަކުގަ އެވެ. އެ ފްރެންޗައިޒްގެ ފިލްމެއް މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރާނެ އެވެ.
ޖޭމްސްއަކީ މިހާތަނަށް ޓައިޓޭނިކް، އެވެޓާ އަދި ގޯސްޓްސް އޮފް އެބީސް ފަދަ ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓް ކޮށްދީފައިވާ ޑައިރެކްޓަރެކެވެ.