ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި ކަމަށްވާ ސަލްމާން ޚާންގެ ސަލާމަތީ ކަންކަމުގައި އެންމެ އިސްކޮށް ޝޭރާ ސިންހް އުޅޭތާ އަހަރުތަކެއް ވެދާނެ އެވެ.
އެ އަހަރުތަކުގައި އޭނާ ސަލްމާންގެ ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވާއިރު އެ ދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް ވެސް ވަނީ އުފެދިފަ އެވެ.
އެކަން އެންމެ ރަނގަޅަށް ފެނިގެންދިޔައީ ދާދި ފަހުން ޝޭރާގެ ބައްޕަ ސުންދަރް ސިންހް މަރުވުމުން ސަލްމާންގެ ފަރާތުން ފެނުނު އޯގާތެރިކަމުންނެވެ.
ސަލްމާން ވަނީ މި ހިތާމަވެރި ވަގުތުގައި ޝޭރާއަށް ހިތްވަރު ދޭން ޝޭރާގެ ގެއަށް ގޮސްފަ އެވެ. ސަލްމާން އޭނާގެ ކާރުން ނުކުމެ ޝޭރާއާ ބައްދާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ދައުރުވަމުންނެވެ.
އެއާއެކު ސަލްމާންގެ އޯގާތެރިކަމާއި ހިތްތިރިކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ. އެގޮތުން މުވައްޒަފެއްގެ އާއިލީ ކަމެއުގައި އަމިއްލައަށް ދިއުމުން އެނގިގެންދަނީ ސަލްމާންގެ ހިތްތިރިކަން ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
1995 ވަނަ އަހަރުން ފެށިގެން ޝޭރާ ސަލްމާންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނައިރު އޭނާއަކީ އޭނާގެ އަމިއްލަ ސެކިއުރިޓީ ފާމްއެއް ވެސް ހިންގާ މީހެކެވެ.
އެގޮތުން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ 2017 މުމްބާއީ ކޮންސެޓުގައި އޭނާގެ ސަލާމަތީ ކަންކަން ވެސް ބެލެހެއްޓީ ޝޭރާގެ ކުންފުނިންނެވެ.