ބޮލީވުޑްގެ ފިލްމު "ސައްޔާރާ"ގެ ކާމިޔާބީއާއެކު އެ ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭއާއި އަނީތު ޕައްޑާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް ގަދަވެއްޖެ އެވެ.
މި އަޑުތައް ގަދަވެފައިވަނީ ދާދި ފަހުން އެ ދެމީހުން އެކުގައި މުމްބާއީގެ ޝޮޕިން މޯލްއަކުން ފެނުމުންނެވެ. އެ މަންޒަރުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އަހާން އަނީތުގެ އަތުގައި ހިފަން އަތްދިއްކޮށްލާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
އޭގެ އިތުރުން އެ ދެތަރިން ވެސް ވަނީ އެކަކު އަނެކަކަށް ހާއްސަކޮށް އެމީހުން އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފަ އެވެ. ދެ މީހުންގެ ޕޯސްޓުގައި ވެސް އެކަކު އަނެކަކަށް ތައުރީފު ކޮށް ވާހަކަ ދައްކާފައިވެ އެވެ.
"ސައްޔާރާ" ފިލްމުގައި ދެ ލޯބިވެރިންގެ ރޯލުން އެ ދެމީހުން ފެނުނުއިރު އެ ދެ މީހުންގެ ހުށައެޅުމަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ދެމީހުންގެ ކެމިސްޓްރީއަށް ގިނަ ބައެއްގެ ލޯބި އަންނަނީ ލިބެމުންނެވެ.
"ސައްޔާރާ"އަކީ މި ފަހަކަށް އައިސް ނެރުނު އެންމެ ކާމިޔާބު ލޯބީގެ ފިލްމެވެ. އެ ފިލްމަށް މިހާތަނަށް 500 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
އެއާއެކު އަހާންއާއި އަނީތުއަށް ބޮލީވުޑްގެ ފުރުސަތުތައް ވެސް ލިބެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އަނީތު މިހާރު ވެސް ވަނީ ޔަޝް ރާޖް ފިލްމްސްގެ ތިން ފިލްމަކަށް ސޮއި ކޮށްފައި ކަމަށް ބުނެވެ އެވެ.