ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް އިއްވި ސުންދަރަ ލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ މީހާގެ ނަމުގައި ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސި ވިލާތުގެ ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެއްކެވޭ ވާހަކަތައް ދޮގުކޮށްފައިވާއިރު، އެ މައްސަލާގައި ހުކުމްކޮށްފައިވާ މީހާ އަކީ އެއްވެސް އިރަކު ރާއްޖޭގެ ރައްވެހިކަން އޮތް މީހެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ރެކޯޑުތަކުގައި އެ ނަން ކިޔާ ދިވެއްސަކު ރެކޯޑު ކޮށްފައި ނުވާ ކަމަށާއި އިމިގްރޭޝަންގެ ރެކޯޑުތަކުގައި ވެސް، އެއްވެސް އިރެއްގައި އެ ނަން ކިޔާ މީހަކަށް ދިވެހި ޕާސްޕޯޓެއް ހައްދާ ދީފައި ނުވަތަ ދޫކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން، ސުންދަރަލިންގަމް ކޫޑަލިންގަމް އަކީ ދިވެއްސެއް ކަމަށް ލިޔެ، ދައުރުކުރަމުން ދާ ހަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޖަލަށް ލާން ހުކުމްކުރީ ރާއްޖެއިން އެ ގައުމަށް ދިޔަ ސުންދަރަލިންގަމް ކޫޑަލިންގަމް، 36 ގެ މައްޗަށެވެ.

އެމީހާ އަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެ މީހާ އަކީ ދިވެހި ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ ފަރާތެއް ނޫން އިމިގްރޭޝަނުން ވެސް ވަނީ ބުނެފަ އެވެ.