އިންޑިއާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ބޫމީ ޕަޑްނޭކަރާއި އޭނާގެ ދައްތަ ސަމިޝްކާ ޕަޑްނޭކަރު ގުޅިގެން ޕްރީމިއަމް ފެނުގެ ބްރޭންޑެއް ތައާރަފް ކޮށްފި އެވެ.

ބޫމީ ބުނެފައިވަނީ މި ބްރޭންޑަކީ ގުދުރަތީ ސާފު ފެން އެންމެންނަށް ވެސް ހެޔޮ އަގުގައި ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމުގެ މަގްސަދުގައި ތައާރަފްކުރި ބްރޭންޑެއް ކަމަށެވެ.

އެގޮތުން މި ފެނުގެ 500 މިލިލީޓަރުގެ ޕެކެޓެއް 150 އިންޑިއާ ރުޕީސްއަށް ލިބޭއިރު 750 މިލިލީޓަރުގެ ޕެކެޓެއް ލިބޭނީ 200 ރުޕީސްއަށެވެ.

"ބެކްބޭ"ގެ ނަމުގައި ބޫމީ ތައާރަފްކުރި މި ފެނުގެ އެންމެ ހާއްސަ ކަމަކީ އެ ފެނުގެ ޕެކޭޖިންއަކީ ތިމާވެށްޓާ ރައްޓެހި ކަރުދާސް ޕެކޭޖިން އަކަށްވުން ކަމަށް ބޫމީ ބުންޏެވެ.

ބޫމީ އިތުރަށް ބުނީ ހިމާޗަލް ޕްރަދޭޝްގައި އެ ފެން އުފައްދާ ފެކްޓަރީ ހުންނައިރު އެ މަސައްކަތުގައި އިސްކޮށް އުޅޭނީ ގިނައިން އަންހެނުން ކަމަށެވެ.

ބެކްބޭއާއެކު ބޫމީ ވިޔަފާރީގެ ތެރެއަށް ވަދެފައިވާއިރު މިއީ އިތުރު ފަރާތެއްގެ އެހީއަކާ ނުލާ އޭނާގެ އާއިލާއިން ފެށި ވިޔަފާރިއެއް ކަމަށް ހަބަރުތައް ބުނެ އެވެ.