ބިރުގެންނެވުމުގެ ނިޔަތުގައި އެއްވެސް އަސްލެއްނެތް ހަގީގަތާ ހިލާފު އެކިކަހަލަ އެއްޗިހި ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެބޭފުޅާގެ ފޯނަށް ވަޓްސްއެޕުން ފޮނުވަމުންދާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރަށް ހުރި އެންމެބޮޑު ނުރައްކަލަކީ އައްބާސް ކަމަށް ބުނެ އެބޭފުޅާ ފްރޭމް ކުރުމަށް ނުވަތަ ނަފްސަށް ނުރައްކާ ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ރޭވިގެން އެކި އެކި ރޭވުންތަށް ރާވަމުންދާކަމުގެ މުހިންމު މައުލޫމާތުތަކެއް ހެޔޮ އެދޭ އެކި ފަރާތްތަކުން ހިއްސާކުރަމުންދާ ކަމަށެވެ.

މިއީ ފަލާހާއި ޕީއެންސީ ޕީޖީ ގްރޫޕްގެ ބައެއް ލީޑަރުން އިސްވެ ތިއްބަވައިގެން ޕްލޭންކޮށްގެ ރާވަމުންދާ ކަމެއްކަމަށް ބާރު ލިބޭ ހެކިތަކެއް ލިބިފައިވާކަމަށް އައްބާސް ވިދާޅުވި އެވެ.

"ހަމަ އެހެންމެ ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ އަކަށް ހުންނެވި އަސްއަދު ސައީދު ފޭސްބުކްގައި އަޅުގަނޑުގެ ނަފުސަށް ފުރާނައަށް ނުރައްކާވާ ގޮތަށް ދީފައިވާ އިންޒާރު ފާހަގަކޮށްލަން.ހަމަ އެއާއެކު އަޅުގަނޑު ބިރުގެންނެވުމުގެ ނިޔަތުގައި އެއްވެސް އަސްލެއްނެތް ހަގީގަތާ ހިލާފު އެކިކަހަލަ އެއްޗިހި ޕީއެންސީ ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަޅުގަނޑުގެ ފޯނަށް ވަޓްސްއަޕުން ފޮނުވާފައިވާކަން ހިތާމައާއެކު ފާހަގަކުރަން." އައްބާސް ވިދާޅުވި އެވެ.

މިކަންކަމަކީ ފާއިތުވި ދުވަސްތަކުގައި ދާއިރާގެ ރައްޔިތުންގެ ހައްގުގައި އަދި ދިވެހި ރައްޔިތުންގެ ހައްގުގައި ގައުމުގެ އެންމެމަތީ މަސްލަހަތު އިސްކޮށް ހައްގުބަސް ބުނަމުން ދިޔުމުގެ ސަބަބުން އަނގަބަންދުކޮށް ފަހަތަށް ޖެއްސުމަށާއި، މިނިވަންކަމާއެކު އެއްތަނުން އަނެއްތަނަށް ގޮސް އުޅުމަށް ހުުރަސްތަކެއް ކުރިމަތި ކުރުވުމުގެ ނިޔަތުގައި ކުރަމުންދާ ވަރަށް ނާތަހުޒީބު ޑިމޮކްރަސީގެ ރިވެތި ހަމަތަކާ އުސޫލުތަކާއި ހިލާފު ވަރަށް ދަށު ދަރަޖައިގެ ފިޑި އަމަލުތަކެއްކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ދާދި ފަހުން އެބޭފުޅާ ވެރިކަން ކުރާ ޕާޓީ ޕީއެންސީ ޕީޖީ ގުރޫޕުގެ މެމްބަރުންތަކެއް ރައީސް މުހައްމަދު މުއިއްޒާއި ދެކޮޅަށް ނުކުންނާނެ ކަމަށް ވިދާޅުވެ އެކްސްގައި ކުރި ޕޯސްޓާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެންބަރުން ވަނީ އެއާ ދެކޮޅަށް ތެދުވެފަ އެވެ.

އައްބާސް ވިދާޅުވިގޮތުން، ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި، ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ގައުމާއި، ރައްޔިތުންގެ ހައްގުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމީ ޔަގީން ކަމެއް ކަމަށެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނޭހެން ޕީއެންސީގެ މަޖިލީސް މެންބަރުންތަކެއް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.