އިޒްރޭލުން ހިފާފައިވާ ބިމުގެ ސަރަހައްދު ބޮޑުކުރާނެ ކަމަށް ބުނެ އެގައުމުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް އަރަބި ގައުމުތަކުން ކުށްވެރިކޮށްފި އެވެ.
ނިއުސް ޗެނަލެއްކަމަށްވާ އައި24 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ވަނީ "ގްރޭޓާ އިޒްރޭލު" ވިސްނުމަކީ އޭނާއާ ވަރަށް ގާތް ވިސްނުމެއް ކަމަށާއި، އޭނާ އަކީ "ތާރީހީ އަދި ރޫހާނީ" މިޝަނެއްގައި އައިސް ހުރި މީހެއް ކަމަށެވެ. އަދި މި ހިސާބަށް އައުމަކީ އެތައް ޖީލުތަކެއްގެ އަދި ކުރިއަށް އޮތް ޖީލުތަކުން ވެސް އަންނާނެ ޔަހޫދީން ދުށް ހުވަފެނެއް ކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ ސިޔާސީ މައިދާނުގައި ބޭނުންކުރާ "ގްރޭޓާ އިޒްރޭލް" މި ނަމަކީ، އިޒްރޭލުން ވެރިވެގެންފައިވާ ބިންތައް ފުޅާކުރުމާ ގުޅޭ ވިސްނުމަކަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ބިން ތަކާއި، ސީރިއާ، މިސްރު އަދި އުރުދުންގެ ބައެއް ބިންތަކެވެ.
މިކަމާ ގުޅިގެން މިއީ އެގައުމުގެ ސިޔާދަތަށް ކުރިމަތިކުރުވި ނުރައްކަލެއް ކަމަށާއި، މިކަމުން ދޭހަވަނީ އެ ސަރަހައްދުގައި އަމާންކަން ގާއިމްކުރަން ނަތަންޔާހޫ ބޭނުންނުވާ ކަން ކަމަށް މިސްރުން ބުނެފައިވާއިރު، އުރުދުން އިން ވެސް ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުކަމެއް ކަމަށް ބުނެ، ނަތަންޔާހޫގެ މި ވާހަކަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލާފަ އެވެ.
މީގެ އިތުރުން ވެސް، ފަލަސްތީނާއި، ޔަމަނާއި، ގަތަރުގެ އިތުރުން ސައުދީ އަރަބިއާއިން ވެސް ވަނީ ނަތަންޔާހޫގެ މިވާހަކަތައް ކުށްވެރިކޮށް، އެކަމަށް ތާއީދު ނުކުރާ ކަމަށް ބުނެފަ އެވެ.