އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ވިލިއަމްގެ ދެކަނބަލުންނާއި އެ ދެކަނބަލުންގެ އާއިލާ އާ ގެއަކަށް ދިރިއުޅުން ބަދަލު ކުރައްވާތީ ބައެއް އާއިލާތައް އެ ސަރަހައްދު ދޫކޮށް ދާން އަންގައިފި އެވެ.
އިނގިރޭސި ވިލާތުގެ ފޮރެސްޓް ލޮޖްގައި ހުރި ގެއަކަށް އެ އާއިލާ ބަދަލުވާން ތައްޔާރުވަމުން އަންނައިރު އެ ސަރަހައްދުގައި ކުރިން އުޅުނު ދެ އާއިލާއަކަށް އެ ސަރަހައްދު ދޫކޮށް ދާން އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ އާއިލާތަކަށް ދިރިއުޅެވޭނެ އެހެން އިންތިޒާމުތައް ހަމަޖައްސައިދެވިފައިވީ ނަމަވެސް ވިލިއަމްއާއި ކޭޓްގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެންނަން ޖެހުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ފާޑު ކިޔަމުންނެވެ.
އެގޮތުން މިކަމުން ވެސް ޝާހީ އާއިލާގެ ހަގީގީ ކުލަވަރު އެނގޭ ކަމަށާއި އެ އާއިލާގެ އުފަލަށްޓަކައި އާއްމު ރައްޔިތުންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހަން ވެސް ފަސްނުޖެހޭނެ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ކޭޓް ފޮރެސްޓް ލޮޖްއިން ގަނެފައިވާ ގެއަކީ 300 އަށްވުރެ ގިނަ އަހަރު ވެފައިވާ ގެއެއް ކަމަށް ހަބަރުތައް ބުނެ އެވެ.
މިހާތަނަށް ވިންޑްސޯ ކާސަލްގައި ދިރިއުޅުއްވަމުން އައި އެ އާއިލާ އެހެން ގެއަކަށް ބަދަލުވާން ނިންމީ ބޮޑުވަމުން އަންނަ ދަރިދަރިކަލުންގެ މުސްތަގްބަލަށްޓަކައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.